ޕެރިސް (މާޗް 25) : ފަރަންސޭސިވިލާތުގެ އަލްޕްސް ފަރުބަދަތަކުގެ މައްޗަށް އިއްޔެ ވެއްޓުނު ޖަރުމަނުގެ މަތިންދާބޯޓުގެ ކަޅުފޮއްޓެއް ނަގައި ތަހުލީލުތައް ފައްޓާފައިވާ ކަމަށް ފަރަންސޭސިވިލާތުން ހާމަކޮށްފި އެެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު ބަރްނާ ކަޒްނޯވް ވިދާޅުވީ ޖަރުމަނުގެ ޖާމަންވިންގްސް އެއަލައިންގެ ފްލައިޓް ނަންބަރު 4 ޔޫ 9525 ގެ ދެކަޅު ފޮށީގެ ތެރެއިން އެއް ކަޅުފޮށި ފެނި ހޯދާފައިވާ ކަމަށާއި އެ ފޮށީގައިވާ މަޢުލޫމާތު ތަޙްލީލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައެވެ. "ޖާމަންވިންގްސް" އެއަލައިންއަކީ ޖަރުމަނުގެ ގައުމީ އެއާލައިންކަމަށްވާ "ލުފްތާންސާ"ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އަގުހެޔޮކޮށް ދަތުރުތައްކުރާ ބަޖެޓް އެއަލައިން އެއްކަމަށްވާ އެކުންފުނީގެ ފްލައިޓް ނަންބަރު 4 ޔޫ 9525 އިއްޔެ ވެއްޓިފައި ވަނީ ސްޕޭންގެ ބާސެލޯނާ އިން ފުރައިގެން ޖަރުމަނުގެ ޑުސެލްޑޯފަށް ދަތުރުކުރަމުން ދަނިކޮށް ފަރަންސޭސިވިލާތުގެ ދެކުނުގެ އަލްޕްސް ފަރުބަދަ ތަކުގެ މައްޗަށެވެ. އެބޯޓު ވެއްޓުމުގެ ޙާދިސާއާ ޓެރަރިޒަމްގެ އަމަލަކާ ގުޅުންވާކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށް އެމެރިކާ ބުނި ނަމަވެސް ފަރަންސޭސި ދާޚިލީ ވަޒީރު ބަރްނާ ކަޒްނޯވް ވިދާޅުވީ އެބޯޓު ވެއްޓުމުގެ ފަހަތުގައި ޓެރަރިޒަމްގެ އަމަލެއް ނުވާކަމަށް ކަށަވަރު ކުރެވިފައިނުވާ ކަމުގަ އެވެ. އަދި ބޯޓު ވެއްޓުނު ސަބަބު ހޯދެންދެން ހުރިހާ ސަބަބުތަކެއް ވެސް އެކަމުގެ ފަހަތުގައިވާނެ ކަމަށް ބަލާނެ ކަމަށް އޭނާ ވިދަޅުވި އެވެ.

އެއާބަސް އޭ 320 މަރުކާގެ އެ މަތިންދާބޯޓުން ދަތުރުކުރި 144 ފަސިންޖަރުންނާއި ހަ ފަޅުވެރިން ވެސް ވަނީ އެޙާދިސާގައި މަރުވެފަ އެވެ. ވެއްޓިފައިވާ އެބޯޓުގެ ބައިތައް ފެނިފައި ވަނީ އެލްޕް ފަރުބަދަތަކުގައިވާ ސްކީ ރިސޯޓެއް ހުންނަ ސަރަހައްދަކުންނެވެ. (ރޮއިޓާސް)