ސަރުކާރުން ކުރާ އަނިޔާއާ ދެކޮޅަށް ކަމަށް ބުނެ ކީރިތި ރަސޫލާ އަށް ހަޖޫ ޖަހައި އިސްލާމްދީނަށް ފުރައްސާރަކުރި މީހަކާ އެއްކޮޅަށް އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ނުކުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފި އެވެ.

ސަރުކާރު ބަދުނާމު ކުރުމަށް އިމްރާނު ދައްކަވަމުން ގެންދަވަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ޕީޕީއެމުން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން އެކި އެކި ފޯރަމްތަކުގައި އެކި އެކި ގޮތް ގޮތަށް ތުހުމަތު ކުރައްވައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް އިމްރާން ދައްކަވަމުން އަންނަ ކަމަށެވެ.

"ދީނާ ހިލާފަށް ނުވަތަ ގާނޫނާ ހިލާފަށް ސަރުކާރުން ކޮށްފައިވާ އެއްވެސް ކަމެއް ހާމަކޮށްދެވިފައި ނުވުމާއި، އެފަދަ ނާތަހުޒީބު ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމަކީ ގައުމުގެ އާންމު އިޖުތިމާއީ މަސްލަހަތު ނަގާލައި ސުލްހަމަސްލަހަތު ގެއްލުވާލަން ދައްކާ ވާހަކަ ކަމަށް މި ޕާޓީން ދެކެން،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރާ އެކު މަސައްކަތް ކުރުމަށް އަދާލަތު ޕާޓީ އިން ނިންމާފައިވާ ކަމަށް ބުނެ އިމްރާން މަސައްކަތް ކުރައްވަނީ އަދާލަތު ޕާޓީގެ "ހުރިހާ ބާރެއް މުށުތެރެއަށް ލުމަށް" ކަމަށް ޕީޕީއެމުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެކަން ކަމަކީ އަދާލަތު ޕާޓީގެ މަގްސަދުތަކާއި އަސާސީ އުސޫލުތަކާ ހިލާފަށް ހިންގާ ކަންކަން ކަމުން ޕާޓީގެ ދިފާއުގައި ހައްގުބަސް ބުނުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވަގައިން އިމްރާން މަސައްކަތް ކުރައްވަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށެވެ.

ކުރިން ސަރުކާރު ކޯލިޝަނުގައި ހިމެނުނު އަދާލަތު ޕާޓީ، ކޯލިޝަނުން ވަކިވެ، "ސަރުކާރުން ކުރާ އަނިޔާއާ" ދެކޮޅަށް ކަމަށް ބުނެ ދަނީ އިދިކޮޅު ޕާޓީތަކާ އެކު ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑު ކިޔަމުންނެވެ.