ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ދިރިއުޅުއްވާ "ގ. ހޭޅި" ބިއްލޫރި ގަނޑެއް ތަޅާލައިފައިވަނީ ބިރުދައްކަން ކަމަށާއި، އެފަދަ ހަމަލާތައް ދިންކަމުގައިވީ ނަމަވެސް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ 12:30 ކަންހާއިރު ހޭޅިގޭ ތިރީ ފިހާރަ "ހޭޅި ސްޓޯރު"ގެ ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، އެފަދަ ކަންކަމުގެ ސަބަބުން ފުލުހުންނާއި އޭނާ ކުރަމުން އަންނަ މަސައްކަތްތަކަށް އެއްވެސް ސިފައެއްގައި ބަދަލެއްނާންނާނެ ކަމަށެވެ.

"މިއީ ފުލުހުން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްމީހެއްގެ ގޮތުގައި ހުރި މީހަކީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ކަމަށްވާތީ، ހުސެއިން ވަހީދު އުޅޭ ގެއަށް ވިސްނުންތެރިކަމާއެކު ދީފައިވާ ހަމަލާއެއް ކަން ގަބޫލްކުރަން،" ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

އެފަދަ ކަންކަމުގެ ސަބަބުން އަމަން ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށާއި އަދި އެފަދަ އަމަލުތަކުގެ ސަބަބުން ފުލުހުން ޖެހިލުންވެ ބިރު ނުގަންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

"ޖެހިލުންވެ ބިރެއް ނުގަންނާނެ. ދިވެހިރާއްޖޭގެ އަމާން ކަމާއި ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް ސާބިތުކަމާއެކު ދެމިހުންނާނަން،" ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ، އެކަމެއް ކުރި ބަޔަކު އެ ހިންގީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެގެއަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ގެއަކަށްވާއިރު ކުޑަކުދިންނަށާއި އާންމުނަށް ނަފްސާނީ ގޮތުން ލިބޭނެ ގެއްލުންތަކަށް ކަންބޮޑުވާ ކަމަށެއެވެ.

ބިއްލޫރިގަނޑު ތަޅާލާފައިވާ ފިހާރައަކީ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިންގެ ބައްޕަގެ ވިޔަފާރިއެކެވެ. ހުސެއިން ދިރިއުޅުއްވަނީވެސް އެގޭގައެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ވެސް ވަނީ އެފިހާރައިގެ ބިއްލޫރިތައް ތަޅާލައި ބޮޑު ގެއްލުމެއް ދީފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންނަށް ބިރުދެއްކުމަށް ބަޔަކު ރާވައިގެން އެފަދަ ފިނޑި އަމަލުތަކެއް ހިންގި ނަމަވެސް، ގައުމީ ހިދުމަތުގައި އަދާކުރައްވަމުން އަންނަ މަސައްކަތްތަކުގައި ފަސްނުޖެހި ސާބިތުކަމާއެކު ދެމިތިއްބެވުމަށް ދިވެހި އެންމެހާ ފުލުހުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.