ރޭގަނޑު އެގާރައިގެ ފަހުން އަޑުގަދަ ކުރުމަކީ މަނާ ކަމެއް ކަމަށާއި އަޑުގަދަ ކުރާ ނަމަ އެކަން ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، މިރޭގެ މުޒާހަރާގައި އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރުމުން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައިފި އެވެ.

އާޓްފިޝަލް ބީޗް ސަރަހައްދުން މިރޭ 10:00 ގައި ފެށި މުޒާހަރާގެ ބައިވެރިން ފުރަތަމަ މަޑުކޮށްފައި ވަނީ އަލިކިލޭގެފާނު މަގު ޓްރެފިކް ލައިޓު ކަންމަތީގައި އެވެ. އެ ސަރަހައްދުގައި މިރޭ މުޒާހަރާގެ ބައިވެރިން ހިޔާލު ފާޅު ކުރުމަށްފަހު މަޖީދީ މަގު ޒިކުރާ މިސްކިތް ކައިރިއަށް އާދެވުނު ތަނުން އަޑުގަދަކުރުން ހުއްޓުވަން ފުލުހުން މަސައްކަތް ފެށި އެވެ. އެތަނުން މުޒާހަރައިގެ ބައިވެރިން ފުލުހުންނާ ދެކޮޅު ހަދައި ހަމަނުޖެހުން ހިންގި އެވެ.

އަޑުގަދަކުރާ ބޭނުންކުރުން ހުއްޓުވަން ފުލުހުން މަސައްކަތް ފެށި ނަމަވެސް މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ ބޭނުންކުރުން ހުއްޓާ ނުލައި ކުރިއަށް ގެންދިޔަ އެވެ.

މާފަންނު ސަރަހާ ކައިރިން މުޒާހަރާގެ ބައިވެރިން ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ވަކި ހިސާބަކުން ލޮނު ޒިޔާރަތް މަގުން ހުރި ގޮތަށް ދިޔައެވެ. ލޮނުޒިޔާރަތް މަގު ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ގެންގުޅުނު ޕިކަޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ލޮނު ޒިޔާރަތް މަގުން މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މުޒާހަރާ ނިންމާލުމަށެވެ. އެހެންކަމުން އެމްޑީޕީ އޮފީސް ކައިރިއަށް ގޮސް މުޒާހަރާ ރަސްމީކޮށް މިރެއަށް ނިންމާލިކަން އިއުލާން ކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މިރޭގެ މުޒާހަރާގައި ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް ދަންވަރު 12:00 ގެ ފަހުން ކުރިއަށް ގެންދާ ނަމަ އެ މުޒާހަރާއެއް ރޫޅާލާނެ ކަމަށެވެ. ފުލުހުން ބުނީ އެއް ސަރަހައްދެއްގައި އެއް މަގެއްގައި އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރޭގަނޑުގެ 11:00ގެ ފަހުން އެއްވުންތަކުގައި އަޑުގަދަކުރާ ބޭނުން ކުރާނަމަ އެކަން ހުއްޓުވާނެ ކަމަށާއި 12:00ގެ ފަހުން މުޒާހަރާއެއް ކުރިއަށް ގެންދާނަމަ އެ މުޒާހަރާއެއް ރޫޅާލާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.