ބޭނުންކޮށްފައިވާ ކައްކާ ތެޔޮ އަޅައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑީސަލް އިންޖީނެއް ހިންގައިފި އެވެ. ގޭގޭގެ ބަދިގެތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކުން ކައްކާތެޔޮ އުކާލުމުގެ ބަދަލުގައި އެ ތެޔޮ ބޭނުންކޮށްގެން ޑީސަލް އިންޖީނު ހިންގިދާނެކަން ތަޖުރިބާ ކޮށްފައިވަނީ މޯލްޑިވްސް ޕޮލި ޓެކްނިކްގަ އެވެ.

http://www.youtube.com/watch?v=VjdMG6HIM2M

އެ ޓެކްނިކްގެ މެކޭނިކަލް އިންޖިނިއަރިންގް ޑިޕާޓްމެންޓުގެ ހެޑް، އަބްދުއްރައްޒާގް އާދަމް މިއަދު ވިދާޅުވީ އިންޖީނު ހިންގުމަށްޓައި ބޭނުންކޮށްފައިވަނީ ކައްކާ ތެޔޮ ޑީސަލާއި އެއްވަރަށް ހޫނުކުރަން ބޭނުންކުރާ ޑިވައިސްއަކާއި އަދި ކައްކާ ތެޔޮ އިންޖީނުގެ އެތެރެއަށް ފޮނުވުމަށް ބޭނުންކުރާ ޑިވައިސްއަކާއި އަދި ތެލުގެ މިންވަރު ވަކި މިނެއްގައި ބެހެއްޓުމަށް ބޭނުންކުރާ ވޭލެއް ކަމަށެވެ.

Listen!

"އިންޖީނަށް އަޅުގަނޑުމެން އެއްވެސް ބަދަލެއް ނުގެންނަން. ކައްކާ ތެލަކު ނުހުންނާނެ ޑީސަލްގަ ހުންނަވަރަށް ހޫނުކަމެއް. އެހެންވެ ބޭރަށް މި ގުޅީ އިތުރު ޑިވައިސްއެއް އެއީ ކައްކާ ތެޔޮ ހުޅުހިފާ މިންވަރަށް ހޫނު ކުރުމަށް. އެއީ ޅުގަނޑުމެން ކުރިހާވެސް ކަމަކީ. މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް،" އަބްދުއްރައްޒާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ކުރެވުނު ތަޖުރިބާތައް ވަރަށް ކާމިޔާބު ކަމަށާއި 72 ހޯސްޕަވަރުގެ އިންޖީނެއް ކާމިޔާބު ކަމާއި އެކު ހިންގުނު ކަމަށެވެ. އަދި ވިދާޅުވީ އެއަށްވުރެ މަތީ ހޯސްޕަވަރުގެ އިންޖީނުތައް ވެސް އެ ޑިވައިސްގެ އެހީގައި ހިންގިދާނެ ކަމަށެވެ.

"މި ޑިވައިސްގެ އެހީގައި އިންޖީނުގެ ސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ނުގެނެސް ޑިވައިސްގެ އެހީގަ ކޮންމެ ހޯސްޕަވަރެއްގެ އިންޖީނެއްވެސް ހިންގިދާނެ. މިއީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އިންޖީނެއް (ރާއްޖޭގައި) ހިންގުނުވެސް ފުރަތަމަ ފަހަރު. މަސްދޯނިފަދަ އުޅަނދުފަހަރުގަ ވެސް އަޅުގަނޑުމެންނަށް އަޖުމަ ބަލައިލެވިދާނެ،" އަބްދުއްރައްޒާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޓެސްޓްތައް ކުރީ މިހާރު ޕޮލިޓެކްނިކްގައި ކުރިއަށް ގެންދާ ރިނިއުއަބަލް އެނާޖީ ނުވަތަ އިއާދަކުރަނިވި ހަކަތައިގެ ޕްރޮގްރާމްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އޮސްޓްރޭލިޔާގެ ދެ ޕްރޮފެސަރެއްގެ އެހީގައިކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްއިން ބުނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް އިންޖީން އޮޕަރޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެފަރާތުން އެހީތެރިކަންވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އޯޕަންކޮށް މިކަން މިކުރަނީ. ބޭނުން ކޮންމެ ފަރާތަކަށް އަޅުގަނޑުމެން މި މައުލޫމާތު ހިއްސާކޮށް މިކަން ކުރުމަށް މަގުފަހިކޮށްދޭނަން،" އަބްދުއްރައްޒާގު ވިދާޅުވި އެވެ.