24 Mar 2015, 22:54
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ޑޯގް ސްކޮޑު (ފާރަގެމަ)ގެ ބައެއް ކުއްތާތައް މިރޭ ރާއްޖެ ގެނެސްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ ސަން އަށް ވިދާޅުވީ މިރޭ 10:05ގައި މެލޭޝިއާ އެއާލައިންސްގެ ފުލައިޓުން ފަސް ކުއްތާ ސަލާމަތާއި ރައްކާތެރިކަމާ އެކު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
އެ ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ ދުވަހެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ފާރަގެމައިގައި ހިމެނެނީ ޖުމްލަ 16 ކުއްތާ އެވެ. އެ ހުރިހާ ކުއްތާއެއް މިމަހުގެ 27ގެ ކުރިން ރާއްޖެ އަށް ގެންނާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ކުއްތާތަކަށް ޚާއްސަކޮށްގެން ހުޅުލޭގައި ތައްޔާރުކޮށްފައިވާ ޑޯގު ކެނަލްގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. ކުއްތާތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގެތަކުގައި ކޮންމެ ކުއްތާއަކަށް ހާއްސަ "ކޮޓަރި"އަކާއި ކޮންމެ ކޮޓަރިއެއްގައި ފަންކާއެއް ހަރުކޮށްފައި ހުރެ އެވެ. އަދި އޭގެ އިތުރުން ކުއްތާތައް ފެންވެރުމަށް ހާއްސަކޮށް ބާތު ޓަބެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީ އިން ކުރިން ވަނީ ބުނެފަ އެވެ.