20 Feb 2011, 10:09
ބަޙްރައިންގެ ވިރާޘީ ރަސްކަން ވައްޓާލުމަށް ގޮވާލާ އެތަށް ހާސްބަޔަކު ވެރިރަށް މަނާމާގެ މެދުތެރެއަށް އަނެއްކާވެސް އެއްވެއްޖެ
މަނާމާ : ބަޙްރައިންގައި ވެރިކަންކުރާ ޚުދުމުޚްތާރު ވިރާޘީ ރަސްކަމުގެ ނިޒާމް ވައްޓާލުމަށް މަސައްކަތްކުރާ އެތަށް ހާސްބަޔަކު ވެރިރަށް މަނާމާގެ މެދުތެރެއަށް އިއްޔެ އަނެއްކާވެސް އެއްވެއްޖެއެވެ.
މިބައިމީހުން މިސަރަޙައްދަށް އަނެއްކާވެސް އެއްވީ މިދިޔަ ބުރާސްފަތިދުވަހު އެސަރަޙައްދަށް އެއްވުމުން ބަޙްރައިންގެ ސިފައިން ބާރުގެ ބޭނުންކުރުމާގުޅިގެން އެތަށްބަޔަކު މަރުވެ އަދި ޒަޚަމްވެފައި ވަނިކޮށެވެ. މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބަޙްރައިންގެ ސިފައިން ބަރުހަތިޔާރާއެކުނުކުމެ ހަމަލާދީ އެތަށްބަޔަކު މަރާލުމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެ ރަސްގެފާނު ހަމަދް ބިން ޢީސާގެ ވެރިކަމުގެ ނިޒާމަށް ބިރު ބޮޑުވާގޮތްވުމުން މަނާމާގެ މަގުތަކުން މިހާރުވަނީ ސިފައިން ބާލައި އަމްނު ބެލެހެއްޓުމުގެ ކަންތައް ފުލުހުންނާ ޙަވާލުކޮށްފައެވެ.
މަނާމާގައި ހިނގި ކުރިމަތިލުންތަކުގައި ސަލާމަތީ ބާރުތަކުގެ އަތްދަށުން އެތަށްބަޔަކު މަރުވުމުން ރަސްގެފާނު ހަމަދް ބިން ޢީސާވަނީ އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ މީހުންނާ ވާހަކަ ދެއްކެވުމަށް ވަލީއުލްޢަހްދު އަލްއަމީރު ސަލްމާން ބިން ޙަމަދްގެ އަރިހުން އެދިވަޑައިގެންފައެވެ. ވަލީއުލްޢަހްދު އަލްއަމީރު ސަލްމާން ބިން ޙަމަދަކީ، ރަސްގެފާނު ހަމަދް ބިން ޢީސާގެ ދޮށީ ފިރިހެން ދަރިކަލުންނެވެ.
ސަރުކާރު ވައްޓާލައި ރައްޔިތުންގެ ވެރިކަމެއް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ސަރުކާރާ ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ. އަދި މަނާމާގެ މެދުތެރޭގައި ފޭލިގެޖަހައިގެން ސަރުކާރުވައްޓާލެވެންދެން އިޙްތިޖާޖްތައް ކުރިޔަށް ގެންދިޔުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފައެވެ.
ބަޙްރައިންގެ ޚުދުމުޚްތާރު ވިރާޘީ ރަސްކަމުގެ ނިޒާމް ވައްޓާލުމަށް މަސައްކަތްކުރާ އިސްފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޖަމާއަތެއް ކަމަށްވާ ތަޖައްމުޢުލްވިފާޤް ހިމެނެއެވެ. ބަޙްރައިންގެ ޕާލަމެންޓްގެ 40 ގޮނޑީގެ ތެރެއިން 18 ގޮނޑި ކޮންޓްރޯލް ކުރަނީ މިޖަމާޢަތުންނެވެ. މިއީ އެޤައުމުގެ ރައްޔިތުންގެ އަޣްލަބިއްޔަތު ކަމަށްވާ ޝިޔައީން ނަށް ނިސްބަތްވާ ޖަމާއަތެކެވެ. -- ބީބީސީ