12 Apr 2010, 10:30
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލު ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަނީ ގާނޫނު އަސާސީ އާއި ގަވާއިދާ ހިލާފަށް ކަމަށާއި، އެ ބިލުން އުނިކޮށްފައިވާ ޕްރޮވިންސް އުފެއްދުމާ ބެހޭ ބައިތައް، ބިލުގައި ހިމަނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ބިލު ދިރާސާކުރާ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ، އެ ބިލުގައި ހިމެނޭ ޕްރޮވިންސް އުފެއްދުމާ ބެހޭ ބަޔާމެދު ހިޔާލުތަފާތުވެފައިވާ މައްސަލައިގައި، ގާނޫނު އަސާސީ މާނަކުރާ ގޮތެއް ބެލުމަށް ސުޕްރީމްކޯޓަށް ދިއުމަކީ އެފަރާތްތަކަށް ލިބިދޭ އިޖުރާއީ ހައްގެއް ކަމަށެވެ. އަދި އެ ކޮމިޓީގެ ގަވާއިދުގައި އެކަން ހިމެނުމަށް އެ މެންބަރުން ހުށަހެޅުއްވި ނަމަވެސް އެކަން ނުހިމަނައި ކޮމިޓީގެ ގަވާއިދު އެކުލަވާލާފައި ވަނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް އުނިކޮށްގެން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޒިންމާ ނަންގަވަންޖެހޭނެ ކަމަށްވެސް ހާމިދު ވިދާޅުވި އެވެ. އަދި އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ވެސް ނަންގަވާނެ ކަމަށާއި އެބޭފުޅުންގެ ސަމާލުކަމަށް އެ މައްސަލަ ގެންނަވާފައިވާނެ ކަމަށް ވިދާޅުވެ އެކަމާބެހޭ ތަފްސީލް ވެސް ހާމިދު ދެއްވި އެވެ.
ހާމިދު އަދި ވިދާޅުވީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލު ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކޮތަކަށް ކަމަށެވެ. އަދި ސަރުކާރު ހިންގާ ކޯލީޝަނުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކޮމިޓީގެ މެޖޯރިޓީ މެންބަރުގެ ގޮތުގައި އިންނަވައިގެން ކުރައްވާ މަސައްކަތާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ. އަދި ޕްރޮވިންސް އުފެއްދުމާ ބެހޭ ބައިތަކަކީ އެ ބިލުގައި ހިމެނޭ އެންމެ މުހިއްމު ބައިތައް ކަމަށާއި އެބައި އުނިކުރުމަކީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަތިކުރުން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލްގެ ދިރާސާކުރާ ކޮމިޓީން ވަނީ އެ ބަލުގައި ހިމެނޭ ޕްރޮވިންސް އުފެއްދުމާ ބެހޭ ބައިތައް، އުނިކޮށް ގައުމީ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުމުގެ ނަމުގައި އިތުރު ޗެޕްޓަރެއް ހިމަނައިފަ އެވެ. ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ޕްރޮވިންސްތަކެއް އުފެއްދުމަށް ބާރުއަޅައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ ރާއްޖެ ބެހިގެންވަނީ 21 އިދާރީ ދާއިރާ އަށް ކަމަށް ގާނޫނުއަސާސީގައި ބުނާއިދު ރާއްޖެ ހަތް ޕްރޮވިންސަށް ބަހާލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ މަސައްކަތެއް ކަމަށެވެ.