ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ޗީފް އޮފް ޑިފެންސްފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ހުކުމް ހުކުރު ދުވަހު އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ޚުލާސާ ބަޔާން އިއްވުމާ އެކު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ހުކުމް އިއްވުމަށް ހުކުރު ދުވަހު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ މޫސާ އަލީ ޖަލީލު ތަހުގީގަށް ދީފައިވާ ބަޔާނަށް ބާލާއިރު، ކޯޓާއި ގޭގެތެރެއިން އަބްދުﷲ ގާޒީ ހައްޔަރު ނުކުރުމަށާއި މަގުމަތިން ހައްޔަރުކުރުން ރަނގަޅު ކަމަށް ބަޔާނުގައި އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ސިފައިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ސިފައިން މަދަނީން ހައްޔަރުކުރުމާ ގުޅޭގޮތުން ވެސް މޫސާ އަލީ ޖަލީލު ވާހަކަދައްކާފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

ޗީފް އޮފް ޑިފެންސްފޯސްގެ މަގާމުގައި ހުރި އިރު އޭނާއަކީ ނަމެއްގައި ހުރި މީހެއް ކަމަށް ހަމައެކަނި އަނގަބަހުން ބުނާބުނުން ފިޔަވައި އެކަން ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ފަޒުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ބާރެއް ނެތް ގޮތަކަށް އެފަދަ މަގާމެއްގައި މީހަކު ބަހައްޓާފައި ހުރެދާނެ ކަމަށް ސަލާމަތް ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، މޫސާ އަލީ ޖަލީލުގެ މައްޗަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން މޫސާ އަލީ ޖަލީލުގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ޖަލީލުގެ ތަހުގީގު ބަޔާނަކީ އޭނާ ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކުން ނުބައި މަނާނަގައިގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އެ ބަޔާނުގައިވާ އެންމެހައި ކަންތައްތަކަށް ޖަލީލު އިންކާރުކުރައްވާ ކަމަށާއި ގާނޫނު އަސާސީގައި ބުނާގޮތުން ޝަރީއަތުގެ މަޖިލީހުގައި ދޭ ބަޔާން ފިޔަވައި އެހެން ބަޔާންތަކަކީ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ސިފައިންގެ އޮނިގަނޑަށް ބަދަލުގެނެސް އޭރުގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ކޮމާންޑަރަކަށް އައްޔަން ކޮށްގެން، އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ އޯޑަރުގެ ދަށުންކަމަށާއި ހެކީންގެ ހެކިބަހުން ވެސް އެކަން އެނގޭ ކަމަށް އާސިފް ވިދާޅުވި އެވެ.