24 Mar 2015, 20:50
މާލޭގައި މިރޭ ހިންގި ދެ މާރާމާރީއެއްގައި ދެ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ، ފުރަތަމަ މާރާމާރީ ހިންގައި ބިދޭސީއަކު ޒަހަމްކޮށްލާފައި ވަނީ މިރޭ 7:30 ކަންހާއިރު މަސް މާރުކޭޓް ސަރަހައްދުގައި ކަމަށެވެ. ހަމައެއާއެކު 7:35 ކަންހާއިރު ވެސްޓް ޕާކް ސަރަހައްދުގައި ހިނގި މާރާމާރީއެއްގައިވެސް ބިދޭސީއަކު ޒަހަމްކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ދެ މާރާމާރީ ހިންގާފައިވަނީ ވެސް ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށާއި ބޮޑަށް ބެލެވޭގޮތުގައި އެއީ އެއްބަޔަކު ހިންގި މާރާމާރީތަކެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެ ދެ މާރާމާރީގައި ދެ ބިދޭސީންނަށްވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވީނަމަވެސް އެ ދެ މީހުންގެ ހާލުވެސް މާ ސީރިއަސް ނޫން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެ ދެ މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގް ކުރަމުންނެވެ.
މިރޭ ހިންގި މާރާމާރީއެއްގައި ދެ ބިދޭސީއަކު ޒަހަމްކޮށްލާފައިވާއިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ބިދޭސީއަކަށް ހަމަލާދީ މަރާލާފައެވެ. އަދި ރޭ ވެސް ވަނީ ޒަހަމްތަކަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ތޮއްޑޫއިން ފެނިފައެވެ.