އިސްތިއުނާފް ކުރުމަށްވާންޖެހޭ ތައްޔާރީތައް ވުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ނުކުރުމަށް ނިންމައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ނިންމީ، އެމަނިކުފާނުގެ ޝަރީއަތް ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން މިއަދާ ހަމައަށް ވެސް ދޫކޮށްފައި ނުވާތީ ކަމަށެވެ.

ރައީސް ނަޝީދުގެ އޮފީހުން ބުނީ، ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ފުރިހަމަ ގޮތުގައި ކޮންމެވެސް ދުވަހަކުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ރިޕޯޓު ލިބިވަޑައިގަތުމުން ކުށުގެ ތުޙުމަތުން އެމަނިކުފާނު ބަރީއަވާނެކަމަށް އެމަނިކުފާނުު ދެކިވަޑައިގަންނަވައެވެ. އަދި ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޤާޟީ ޢަބްދުﷲ މުޙައްމަދު، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެހެން މައްސަލަތައް ނިމި އެޝަރީޢަތްތަކުގެ ނަތީޖާއަށް ބެލުން އެއީ މައުނަވީ ދިފާޢުއަކަށް ބޭނުންތެރި ކަމެކެވެ." ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިސްތިއުނާފް ކުރުމަށް ތައްޔާރުކުރާ މައްސަލަ ބިނާވާނީ، ދަށު ކޯޓުގެ މަރުޙަލާގެ ޝަރީޢަތުގައި ދެކެވުނު އެންމެހައި ވާހަކަތަކާއި، ޝަރީޢަތުގެ އިޖުރާއަތާއި، ހުށަހެޅުނު ހެކިތަކާއި، ޤަރީނާތަކުގެ ސައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށްކަމަށްވާއިރު، އެރިޕޯޓު ލިބުމާއި، އެރިޕޯޓު ލިބުމަށްފަހު، ރިޕޯޓު ދިރާސާކުރުމަށްޓަކައި އިސްތިއުނާފީ ނުކުތާތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާގައި ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުންނަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބެނީ، އިސްތިއުނާފަށް ހުށަހަޅާ ނުކުތާތަކުގެ އިންތަކުގެ ތެރެއިން ކަމަށާއި އެހެންނަމަވެސް އިސްތިއުނާފަށް ހުށަހަޅާއިރު، ހިމެނިފައިނުވާ ނުކުތާތައް ހައިކޯޓުގައި ފާހަގައެއްނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

" ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާގޮތުގައި އެމަނިކުފާނުގެ މައްޗަށް ސާބިތުކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަ އިސްތިއުނާފްކުރުމަށް ބޭނުންވާ އެންމެ މުހިންމު ޑޮކިއުމަންޓަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓެވެ. އެރިޕޯޓު ލިބުމުން މެނުވީ އެރިޕޯޓުގައި ހުރި މަޢުލޫމާތާއި، ކޯޓުގައި ޙަޤީޤަތުގައި ކަންހިނގައިދިޔަގޮތް އަޅާކިޔޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެރިޕޯޓުގައި ހެކިންގެ ހެކިބަހާއި، ކިތާބީ ހެއްކާ ގުޅޭ ގޮތުން ދެފަރާތުން ދައްކަވާފައިވާ ވާހަކަތަކާއި، ޝަރީޢަތް ހިނގަމުންދިޔައިރު ޝަރީޢަތް ކުރިއަށް ގެންދާނެ ގޮތާގުޅޭގޮތުން ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތައް ހިމެނިފައިވާނެއެވެ." ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން މިއަދާ ހަމައަށްވެސް ރައީސް ނަޝީދުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޯރުކޮށްނުދީ، ގާނޫނުއަސާސީން ރައީސް ނަޝީދަށް ލިބިދީފައިވާ އިސްތިއުނާފްކުރުމުގެ ހައްގަށް ހުރަސް އަޅައި، އިދާރީގޮތުން ދަތިކުރުމުގެ ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ ނަޝީދުގެ ގާނޫނީ ޓީމަށް ހުލާސާ ރިޕޯޓް ދީފައިވާ ކަމަށާއި އެ ރިޕޯޓަށް ބަރޯސާވެ، މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އަދި މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް ނުދެވި ވަނީ ނަޝީދު ބަޔާންތަކުގައި ސޮއި ނުކުރައްވާތީ ކަމަށެވެ.