24 Mar 2015, 21:40
މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ ( އެމްޑަބްލިއުއެސްސީ)ގެ ފެން ތަހުލީލުކުރާ ލެބޯޓްރީ، ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ އައިއެސްއޯ 17025 ފެންވަރަށް ފައްތައި އެކަމުގެ ސެޓްފިކެޓް ހާސިލުކޮށްފި އެވެ.
ލެބޯޓްރީ އެ މިންގަނޑަށް ފެތި، ސެޓްފިކެޓް ލިބުނުކަން މިއަދު ރަސްމީކޮށް އިއުލާން ކުރީ ވިލިމާލޭގައި ހުންނަ އެ ލެބޯޓްރީގެ ބޭރުގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ.
ލެބޯޓްރީއަށް ލިބުނު ސެޓްފިކެޓް އެ ހަފުލާގައި ހާމަކޮށްދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ، ލެބޯޓްރީއަށް އެ ސެޓްފިކެޓް ހާސިލުކުރުމަކީ އެމްޑަބްލިއުއެސްސީގެ ތަރައްގީއަށް އިތުރުވި ބޮޅެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ ލެބޯޓްރީގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް، އިތުރު ޓެސްޓްތައް ކުރެވޭ ތަނަކަށް އެތަން ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ މިހާރު ހާސިލުވެފައިވާ ކާމިޔާބީ ދަމަހައްޓަން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"... އަޅުގަނޑު ގަބޫލުކުރަނީ މިއަދު މިލިބިވަޑައިގެންނެވި ސެޓިފިކޭޝަން އަކީ ކުރިއަށް އޮތް ތަނުގައި ވެސް ހަމަ އެ ސްޓޭންޑާޑްގައި ދެމެހެއްޓޭނެ އެއްޗަކަށް ވެގެންދާން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ލެބޯޓްރީ އެފެންވަރަށް ތަރައްގީ ވުމުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވައި ތޯރިގު އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ހަފުލާގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ފަޒުލް ރަޝީދުއާއި ލެބޯޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިއުއެސްސީ އައިއެސްއޯ ސްޓޭންޑަޑަށް ފުރަތަމަ ފެތުނީ 2013 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން އައިއެސްއޯއިން އެތަން އޯޑިޓްކޮށް، ފެންވަރު ދެމެހެއްޓިފައިވާކަން ވަނީ ގަބޫލުކޮށްފައެވެ.
އެލެބޯޓްރީގައި އެމްޑަބްލިއުއެސްސީން އުފައްދާ ފެނާއި ރާއްޖޭގެ ގިނަ ރިޒޯޓްތަކުން ބޭނުންވާ ޓެސްޓް ތަކާއި ތިމާވެށްޓާ ގުޅޭ ކަންކަމުގެ ޓެސްޓްތައް ވެސް ކުރެއެވެ.
ލެބޯޓްރީން މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަހަކު ގާތްގަނޑަކަށް 20000 ޓެސްޓް ކުރެވެއެވެ.