ސަން މީޑިއާ ގްރޫޕްގެ ނޫސްވެރިން ތަމްރީނު ކުރުމަށް ފެށި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ނޫސްވެރިއަކު ރާއްޖޭން ބޭރަށް ފުރައިފި އެވެ.

ނޫސްވެރިން ތަމްރީނު ކުރުމުގެ ގޮތުން ސަންމީޑިއާ ގްރޫޕުން މި ތަމްރީނު ޕްރޮގްރާމް ފަށާފައި ވަނީ "ޗެއާމަން ގެ ސްކޮލަޝިޕް" ގެ ނަމުގަ އެވެ. އެ ގޮތުން ސަން މީޑިއާ ގުރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ދެއްވާ ސްކޮލަޝިޕް މިފަހަރު ލިބުނީ ސަން އޮންލައިންގެ ޒުވާން ނޫސްވެރިޔާ މުޙައްމަދު ސިމާއު އަށެވެ. މި ފުރުސަތުގެ ދަށުން ލިބުނު ނޫސްވެރިކަމުގެ ޑިޕްލޮމާ ކޯހުގައި ކިޔެވުމަށް ސިމާއު ވަނީ ރޭ ލަންކާއަށް ފުރައިފައެވެ.

ސްކޮލަޝިޕްގެ ދަށުން ސިމާއުއަށް ފުރުސަތު ދީފައި ވަނީ ސްރީލަންކާގެ ސްރީލަންކަން ކޮލެޖް އޮފް ޖާނަލިޒަމްގައި ކިޔެވުމަށެވެ. އެގޮތުން އޭނާ ސްރީލަންކާގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަން މީޑިއާ ގްރޫޕުން ހަމަޖައްސައިދޭނެ އެވެ.

ސަން މީޑިއާ ގްރޫޕުގެ ނޫސްވެރިން ތަމްރީނު ކުރުމަށް ބޭނުންވާ ކަންކަން ފަސޭހަ މަގަކުން ކުރިޔަށް ގެންދިއުމަށް ޓަކައި ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވަނީ މީގެ ތިން މަހެއްހައި ދުވަސް ކުރީން އެ ކޮލެޖަށް ވަޑައިގެން އެ ތަނުގެ އިސް ވެރީންނާ ބައްދަލުކުރައްވައި ސަން މީޑިއާ އަށް ބޭނުންވާ ފުރުސަތު ތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ގޮތުން ސްރީ ލަންކަން ކޮލެޖް އޮފް ޖާނަލިޒަމް އާ ސަން މީޑިއާ ގުރޫޕާ ދެމެދު ޚާއްސަ އެއްބަސްވުމެއް ހެދުމަށް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ސަން މީޑިއާގެ ސީއީއޯ ސްރީލަންކަން ކޮލެޖުގެ އެކްޓިންގް ޑައިރެކްޓަރު އާންޖަނީއާ މި ދިޔަ ޖެނުއަރީ މަހު ބައްދަލުކުރައްވަނީ --- ސަން ފޮޓޯ

ސަން މީޑިއާ ގުރޫޕުގެ "ޗެއާމަންގެ ސްކޮލަޝިޕް" ސިމާއުއާ ހަވާލުކޮށްދެއްވީ ސަން މީޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަންގެ ސީއީއޯ ސިނާން އަލީ އަދި ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އެވެ.

މި ރަސްމިއްޔާތުގައި ސިނާން ދެއްކެވި ވާހަކައިގައި ވިދާޅުވީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ޓަކައި އެ ކަމަށް ބޭނުންވާ ނޫސްވެރީން ތަމްރީނު ކުރުމަކީ ސަންގެ ޗެއާމަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި މި ޕްރޮގްރާމަކީ އޭގެ ފެށުން ކަމަށެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގެންނެވި އެވެ. އަދި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ޓަކައި ބޭނުންވާ މި ފަދަ މުހިންމު މަސައްކަތެއް ފަށްޓަވައިދެއްވީތީ ސަން މީޑިއާގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ސިނާން ވަނީ ސިޔާމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު ވިދާޅުވީ ނޫސްވެރިން ތަމްރީނު ކުރުމަކީ އެންމެ ރަނގަޅު ފެންވަރުގައި، ގައުމަށް އެންމެ ފައިދާ ހުރި ގޮތުގައި ނޫސްވެރިކަން ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިއީ ސަންގެ ނޫސްވެރިން އަބަދުވެސް އެދި އެދި ތިބި ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން ސަން މީޑިއާގެ މެނޭޖްމެންޓުން މި ފަދަ ޕްރޮގްރާމެއް ފެށްޓެވުމުން މި ކަމަށް ދެއްވާ އަހައްމިއްޔަތު ހާމަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.