ޖަރުމަނުގެ ފްލައިޓެއް 142 ފަސިންޖަރުންނާއި 6 ފަޅުވެރިންނާއި އެކު ފްރާންސްގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

ޖާރމަންވިގްސްގެ 4U-9525 ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ފްރާންސްގެ ރައީސް މިކަމާއި ގުޅިގެން ވިދާޅުވެފައިވަނީ "އެއްވެސް މީހަކު ސަލާމަތިވިކަމަށް" ލަފާނުކުރެވޭ ކަަމަށެވެ. މި ސަރަހައްދަށް ސަލާމަތީ ޓީމްތަކުން މިހާރު ދަނީ ދަތުރުކުރަމުންނެވެ.

އެއާބަސް އޭ 320 ފަލައިޓް ދަތުރުކުރަމުން ދިޔައީ ސްޕެއިންގެ ބާސެލޯނާ އިން ޑުސެލްޑޯފަށެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދަކީ، އެހިސާބަށް ވާސިލްވުމަށް ވަރަށް އުދަގޫ ސަރަހެއްދެއް ކަމަށް ފްރާންސްގެ ރައީސް ވިދާޅުވި އެވެ.

މި ފްލައިޓް ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެއެވެ. މި އެއާލައިން އަކީ ލުފްތާންސާގެ އެއާލައިނެކެވެ.