އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ އައްސޭރި ޕްރިޒަން ކަޕްގައި، އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، ހަތް ޕޮއިންޓާއެކު އެންއެކްސް އެ މުބާރާތުގެ ތާވަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

އެންއެކްސް މިހާތަނަށް މުބާރާތުގައި ތިން މެޗު ކުޅެފައި ވާއިރު، އެ ޓީމް ވަނީ ދެ މެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރު ވެފައެވެ. އަދި މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވި އެފްސީ ތުނޑި ތާވަލްގެ ދެވަނައިގައި އޮތްއިރު، ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރި އެފްސީ ޔުނިޓީ އޮތީ ތިންވަނައިގައެވެ.

އިއްޔެ ހަވީރު އެންއެކްސް ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރި އާޗާގެ މައްޗަށް އެންއެކްސް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑު އެންއެކްސްއަށް ހޯދައިދިނީ ފުރަތަމަ ހާފްގައި އިބްރާހިމް ހުސެއިން އެވެ.

ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފްގައި އެންއެކްސް ވަނީ އިތުރަށް ލީޑު ފުޅާކޮށްލާފައެވެ. އެންއެކްސްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރާއިދު އަބޫބަކުރު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަހުމަދު އައްފާން ކާމިޔާބު ކޮށްދިން ލަނޑާއެކު އެންއެކްސް ތިން ލަނޑަށް ލީޑު ފުޅާކޮށްލިއެވެ.

އާޗާއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގެ މެދުތެރޭގައި އަހުމަދު ސާމިން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންއެކްސްގެ ހަސަން ޖީޝާދު އެވެ.

ފަސް ޓީމެއް ވާދަކުރާ އައްސޭރި ޕްރިޒަން ކަޕަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރަން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މަހުގެ 16 ވަނަ ދުވަހު ފެށި އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް، އައްސޭރި ޖަލުގެ ދަނޑުގައެވެ.