ބެންޣާޒީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ޚުދުމުޚްތާރު ނިޒާމް ވައްޓާލުމަށްޓަކައި އެޤައުމުގެ އެތަށް ހާސްބަޔަކު ބެންޣާޒީގައި ކުރަމުންގެންދިޔަ މުޒާހަރާތަކަށް ލީބިޔާގެ ސަލާމަތީ ބާރުތަކުން އޮޓަމެޓިކް ހަތިޔާރުން ހަމަލާދިނުމުން ގިނަޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

މުޒާހަރާކުރުމުގައި ހަރަކާތްތެރިވާ ލީބިޔާގެ ޒުވާން އެކްޓިވިސްޓުންނާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ވޭތުވެދިޔަ ދެދުވަހު ލިބިޔާގެ ސަލާމަތީ ބާރުތަކާއި ޤައްޒާފީއަށް ތާއީދުކުރާ ފަރާތްތަކުން ދިން ހަމަލާތަކުގައި މަރާލެވުނު 42 މީހެއްގެ ޖަނާޒާ ބޭއްވުމަށް ޓަކައި ބެންޣާޒީގެ އެންމެ ބޮޑު ގަބުރުސްތާނަށްދިޔަ އެތަށް ހާސްބަޔަކަށްވެސް ލީބިޔާގެ ސަލާމަތީ ބާރުތަކުން ވަނީ އޮޓަމެޓިކް ހަތިޔާރުން ހަމަލާދީ ވިއްސަކަށް މީހުން މަރާލާފައެވެ.

ބެންޣާޒީއަކީ ލީބިޔާގައި ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. މިއީ ވެރިރަށް ޓްރިޕޮލީގެ އިރުން 1000 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. ލިބިޔާގެ ސަލާމަތީ ބާރުތަކުން ޢާންމުންނަށް ހަމަލާދިން މަންޒަރުދުށް ބެންޣާޒީގެ ޑޮކްޓަރަކުވަނީ މިއީ ބޮޑުވެގެންވާ ޤަތްލުޢާންމެއް ކަމަށް ސިފަކޮށްފައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ހިޔުމަންރައިޓްސް ވޮޗް އިން ބުނާގޮތުން ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މުޒާހަރާ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ލީބިޔާގެ ސަލާމަތީ ބާރުތަކާއި ޤައްޒާފީއަށް ތާއީދުކުރާ ފަރާތްތަކުން ވޭތުވެދިޔަ ހަތަރުދުވަހު ދިން ހަމަލާތަކުގައި ޢާންމުންގެ 84 މީހަކު މަރާލައި 700 އަށްވުރެ ގިނަމީހުންވަނީ ޝަހީދު ކޮށްލާފައެވެ.

ޤައްޒާފީގެ ވެރިކަމާދެކޮޅަށް އުތުރިއަރާ ލިބިޔާގެ ރައްޔިތުންނަށް ހަމަލާދިނުމުގައި ޔުގަންޑާއާއި ޗާޑްފަދަ އެފްރިކާގެ ޤައުމުތަކުން ގެނަސްފައިވާ ކުލީސިފައިންވެސް ޙަރަކާތްތެރިވަމުންދާ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

ބެންޣާޒީގައި ޤައްޒާފީއާ ދެކޮޅަށްކުރި މުޒާހަރާތަކުގައި ލައްކައަކަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި މިހާރު ބެންޣާޒީގެ ބޮޑުބައެއް މުޒާހަރާކުރާ މީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށާއި ލީބިޔާގެ ސަލާމަތީ ބާރުތަކުގެ ބައެއް އޮފްސަރުންވެސް މުޒާހަރާކުރާ މީހުންނާ ބައިވެރިވުމުގެ ސަބަބުން ސަރުކާރުގެ ބާރުއެރަށުގައި މިހާރުނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

ބެންޣާޒީގެ އިތުރުން ލީބިޔާގެ ބޮޑެތި އެހެން ރައްތައް ކަމަށްވާ އަޖްދާބިޔާ، އަލްބައިޟާ، ސަބްހާ، އައްރަޙްބާން އަދި ޔެފްރިން ފަދަ ރައްތަކުގައިވެސް އެތަށް ހާސްބަޔަކު ޤައްޒާފީގެ ނިޒާމާދެކޮޅަށް މުޒާހަރާ ކުރަންފަށާފައިވާ ކަމަށް ލީބިޔާގެ ދާއިރާތަކުން ބުނެއެވެ. -- އަލްޖަޒީރާ، ބީބީސީ