މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުން ބަލިވުމުން، ނުރުހުން ފާޅުކުރުމުގެ ގޮތުން ބައެއް ކުޅުންތެރިންގެ ކާރުތަކަށް ގެއްލުންދިން ސަޕޯޓަރުންނާމެދު ފިޔަވަޅު އަޅަން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.

އެލް ކްލެސިކޯއަށް ފަހު ސްޕެއިންގެ ބައެއް ޓީވީ ޗެނަލް ތަކުން ރެއާލްގެ ސަޕޯޓަރުން އެ ޓީމްގެ ފޯވާޑް ގެރެތު ބޭލް އާއި ޖެސޭ ރޮޑްރިގޭޒްގެ ކާރަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް އާންމުކޮށްފައި ވާއިރު، ރެއާލްއިން ވަނީ އެ އަމަލުތައް ވަރަށް ހުރަކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި، އެކަމުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

"އެ ހާދިސާގައި އެ އަމަލުތައް ހިންގާފައި ވަނީ ތިން ފަރާތަކުން. އޭގެ ތެރެއިން އެކަކީ ކްލަބުގެ މެންބަރެއްކަން ފާހަގަ ކުރެވޭ. ކްލަބުގެ ޑިސިޕްލިނެރީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު، އޭނާ ކްލަބުގެ ހުރިހާ ސަރަހައްދުތަކުންނާއި ހަރަކާތްތަކުން ސަސްޕެންޑު ކުރަން ވަނީ ނިންމާފައި،" ރެއާލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ކްލަބުން ބުނީ އެ މައްސަލައިގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތު މިހާރު ސްޕެއިންގެ ގައުމީ އެންޓި ވަޔަލެންސް ކޮމިޝަނަށް ފޮނުވާފައި ވާކަމަށެވެ. އަދި އެ ފަރާތްތަކާމެދު އަޅަން އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެ ކްލަބުން އެންޓި ވަޔަލެންސް ކޮމިޝަންގައި އެދިފައި ވާއިރު، އެ ކްލަބުން ވަނީ ޖިނާއީ ކޯޓުތަކުގައިވެސް އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ސްޕެނިޝް މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުގައި، ރެއާލްގެ ވަލްޑެބާސް ޓްރެއިނިންގް ފެސިލިޓީން ބޭލް އޭނާގެ ކާރުގައި ނިކުންނަނިކޮށް ކާރުގައި ޖަހައި، ބޭލްއާ ހަޑިހުތުރު ބަހުން މުއާމަލާތް ކުރާތަން ފެނެއެވެ. އެލް ކްލެސިކޯ މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން ބާސެލޯނާއިން މެޑްރިޑަށް އަނބުރާ ގޮސްފައި ވަނީ ހޯމަ ދުވަހުގެ ފަތިހު އެވެ.

މި ފަހަކަށް އައިސް ބޭލް ދައްކަމުންދާ ކުޅުމާމެދު ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއް ނުރުހުން ފާޅުކުރަމުން ދާއިރު، ރެއާލް މީގެ ކުރިން ކުޅުނު ބައެއް މެޗުތަކުގައިވެސް އެ ކްލަބުގެ ސަޕޯޓަރުން ވަނީ އޭނާއަށް ފާޅުގައި ފާޑު ކިޔާފައެވެ. ނަމަވެސް ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ލަނޑެއް ކާމިޔާބު ކޮށްފައި ވާއިރު، އެ ލަނޑު އޮފިޝަލުން ނިންމީ އޮފްސައިޑު ލަނޑެއް ކަމަށެވެ.