ޒަކާތު ފަންޑުން 50 ކުއްޖަކަށް ޑެސްފަރޯލް ޕަމްޕް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ތެލެސީމިއާ ކުދިންނަށް ޑެސްފަރޯލް ޕަމްޕުތައް ހަވާލުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ޒުހޫރު ވިދާޅުވީ، މުޅި ދުނިޔޭގައި ވެސް ތެލެސީމިއާ ކުދިން ނިސްބަތުން އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އަބާދީގެ 18 ޕަސެންޓަކީ ބީޓާ ތެލެސީމިއާ ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަހަރަކު 26 ކުދިން އަލަށް މޭޖަރ ތެލެސީމިއާ ކުދިންގެ ގޮތުގައި ރަޖިސްޓްރީ ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ޑެސްފަރޯލް ޕަމްޕް ހޯދުމަށް ތެލެސީމިއާ ސެންޓަރަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައި ކަމަށާއި އެގޮތުން ހަލާކުވެގެންނާއި އަލަށް ޑެސްފަރޯލް ފަށާކުދިންނަށް ޕަމްޕްތައް ފޯރުކޮށްދެވޭނެ ގޮތް ހޯދަންޖެހިފައިވާ ކަމަށެވެ.

"މިއަދު ޒަކާތުގެ ފަންޑުން ހަދިޔާ ކުރާ ދެ މިލިއަން ރުފިޔާގެ ސަބަބުން އަޅުގަނޑުމެންނަށް މިވަނީ 225 ކުދިންނަށް ޑެސްފަރޯލް ޕަމްޕް ހޯދިގެން ގޮސްފައި،" ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުގެ އެހީގެ ސަބަބުން މިހާރު ޑެސްފަރޯލް ޕަމްޕް ބޭނުންވެފައި ތިބި ހުރިހާ ކުދިންނަށް ޕަމްޕް ފޯރުކޮށްދެއްވި އެކުދިންނަށް ބޭނުންވާ ފަރުވާ ދެވިގެންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، މީގެކުރިން ދުވަހަކުވެސް ފައިސާ ނުލީބޭ ވަރަށް ޒަކާތު ފަންޑަށް ފައިސާ ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމުން އަންގައިދެނީ ޒަކާތު ފަންޑާ ދޭތެރޭ އާންމުންގެ އިތުބާރު އޮތްކަމުގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ޑެސްފަރޯލް ޕަމްޕެއްގެ އަގަކީ ގާތްގަނޑަކަށް 10،000ރ. ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވީ ޒަކާތު ފަންޑުން މީގެ ކުރިން ބޯންމެރޯ ހަދަން އެހީތެރިވި ކުދިންގެ ތެރެއިން 10 ކުއްޖަކު މިހާރު ވެސް ފުރާފައިވާ ކަމަށެވެ. ޒަކާތު ފަންޑުން އެފަހަރު ވަނީ 34 އަހަރު ކުއްޖަކަށް ބޯންމެރޯ ހެދުމަށް އެހީވެފަ އެވެ.