'މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް އެންޑް ޓުޫރިޒަމް އެގްޒިބިޝަން' (މިޓް ފެއާ)ގައި ރާއްޖެ ބައިވެރިވެ ހިންގާފައިވާ ކެމްޕޭނުގެ ސަބަބުން ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ ޑިރެކްޓާ އިބްރާހިމް އާސިމް ވިދާޅުވެއްޖެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އާސިމް ވިދާޅުވީ، މިޓްފެއާގައި ރާއްޖެ ޕްރޮމޯޓްކުުރުމަށްޓަކައި ހިންގި ކެމްޕޭނުގެ ދަށުން ރަޝިޔާގެ ޓްރެވަލް ޕާޓްނަރުންނާއި މީޑިއާއަށް ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މޮސްކޯގެ މަޝްހޫރު ކެފޭއެއް ކަމަށްވާ ކޮފީމޭނިއާގައި ރާއްޖޭގެ ގުދުރަތީ ރީތިކަންދައްކުވައިދޭ ފޮޓޯތައް 1 މާޗުން ފެށިގެން 15 އެޕްރިލްއަށް ކެފޭގެ ފާރުގައި ތަތްކޮށްފައިވާ ކަމަށް އިބްރާހިމް އާސިމު ވިދާޅުވި އެވެ.

އަދި ފެއާގައި ކުރިޔަށް ގެންދިޔަ ރާއްޖޭގެ ސަގާފީ އައިޓަމްތަކަށް ވަަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އާސިމް ވިދާޅުވި އެވެ.

" މި ފެއާގައި ވަނީ ރާއްޖެއާ ބެހޭ ފުރިހަމަ މައުލޫމާތު ދީފައި. ފެއާގައި ބައިވެރިވި މި ސިނާއަތުގެ ބޭފުޅުން ވެސް ހިތްހަމަޖެހޭ އެކަށީގެންވާ ތަރުހީބެއް ލިބުނު ރަޝިޔާއިން،" އާސިމް ވިދާޅުވި އެވެ.

މިޓް އަކީ ރަޝިޔާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާއެވެ. މި ފެއާގައި ރާއްޖޭގެ 23 ކުންފުންޏަކުން 41 ފަރާތުން ބައިވެރިވިއެވެ.

މި މަހުގެ 18 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިފެއާގައި ދުނިޔޭގެ 203 ގައުމަކުން 2056 ފަރާތުން ބައިވެރިވެއެވެ.

ރަޝިޔާ އަކީ ހަތަރު ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން 2014 ވަނަ އަހަރު ރަޝިޔާއިން 66،308 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ 2013 ވަނަ އަހަރާއި އަޅައިބަލާއިރު 13.3 އިއްސައްތަ ދަށް އަދަދެކެވެ.