24 Mar 2015, 17:00
އެމްޑީޕީން މިހާރު މާލޭގައި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކުރެވޭ ހަތަރު ބޭފުޅެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަޒުމީލް އަހްމަދުގެ މައްޗަށެވެ.
އެބޭފުޅުންގެ ތެރެއިން ޑރ. އިބްރާހީމްދީދީގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
އާޒިމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ފައްޔާޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ މުލީއާގޭ ސަރަހައްދުގައި އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
އަޒުމީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުންގެ އިތުރުން މުޒާހަރާތަކުގައި ބައިވެރިވި އެހެން ބައެއް ފަރާތްތަކުގެ މައްސަލަ ވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.