އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގެ ތިޖޫރީ ފަޅާލައި 40،000 ޑޮލަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްުޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 85 ފަހަރު ހުއްޓުވާ ސުވާލުކޮށް 41 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 15 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ "އޯޝަން ޓްރެވެލްސް" އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން 40،000 ޑޮލަރު (616،800 ރުފިޔާ) ވަގަށް ނަގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ގެ ވަގުތެއްގަ އެވެ.