24 Mar 2015, 16:28
ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް ދަންވަރު 12:00 ގެ ފަހުން ކުރިއަށް ގެންދާ ނަމަ އެ މުޒާހަރާއެއް ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއް ސަރަހައްދެއްގައި އެއް މަގެއްގައި އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރޭގަނޑުގެ 11:00 ގެ ފަހުން އެއްވުންތަކުގައި އަޑުގަދަކުރާ ބޭނުން ކުރާނަމަ އެކަން ހުއްޓުވާނެ ކަމަށާއި 12:00 ގެ ފަހުން މުޒާހަރާއެއް ކުރިއަށް ގެންދާނަމަ އެ މުޒާހަރާއެއް ރޫޅާލާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އާންމު ދިރުއުޅުމަށާއި، ވިޔަފާރިކުރާ ފަރާތްތަކަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ޝަކުވާ ލިބެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"މި އެއްވުންތައް މަޖީދީމަގާ އެނޫނަސް ވިޔަފާރީގެ މުހިއްމު ސަރަހައްދުތަކުގައި ބޭއްވުމުން މަގުތައް ބަންދުވެ، އެއްގަމު ދަތުރުތަކަށް ހުރަސް އެޅި، ހިނގާ ބިގާވުމަށާއި ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މާލޭގެ އެކި ސަރަޙައްދުތަކަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމާއި މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަންމަށް ވެސް ބުރޫއަރައި މިކަންކަން ތަކުރާރުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާކަން ފާހަގަކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މުޒާހަރާތަކުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ މަސްލަހަތާއި ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނޫގެ 41 ވަނަ މާއްދާގެ (ކ)ގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އެއްގޮތަށް ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުމަށާއި އެފަދަ އެއްވުންތަަކަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.