އާދަކޮށް ރާއްޖޭގެ ގޮނޑުދޮއްތަކަށް ލައްގަނީ ކަޅު ބޮލާކީންނެވެ. ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުން ބޮލާކީނަށް ވުރެ ގިނައިން ދިވެހި ގޮނޑުދޮށްތަކަށް ލައްގަމުން ދަނީ ސޯމާލިޔާގެ ކަނޑުފޭރޭ ކަޅު ބަބުރުންނެވެ. މަންޒަރު ބަދަލުވީ އެއީ ބޮލާކީން ފަދަ، އާދައިގެ ކަމެއް ކަމަށް ގަބޫލުކޮށްލައިގެން ތިއްބަ އެވެ.

"އެންމެ ފަހުން ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ދުއްތުރާލާއި ބިރުވެރިކަން ރާއްޖޭގެ ކަނޑުތަކަށް ފެތުރި ކެނޑުފޭރޭ މީހުންނާއި ޑިންގީތައް ފެންނަން ފެށީ،" މީހަކު ބުންޏެވެ "ފުރަތަމަ ފެނުނު އުޅަދުތަކުގައި ހާލުދެރަ މީހުން ތިއްބަސް ދެން ފެންނަން ފެށީ ގަދަވެ ސަލާމަތުން ތިބި މީހުން. އެހިސާބުން ދިވެހިން ނުތަނަވަސްވެ ކަންބޮޑުވެ ބޮޑު ބިރަކަށްވެފައި އޮއްވާ މިހާރު އިވެނީ އެމީހުން ފޮނުވާލާ ވާހަކަ،"

ސޯމާލިޔާގެ ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވެ، އެމީހުންގެ ނުރައްކާ އެންމެ ބޮޑު އޭޝިޔާގެ ގައުމަކީ ރާއްޖެ ކަމަށް އެމެރިކާ އަސްކަރިއްޔާ އިން ތަކުރާރުކޮށް ބުނަމުން އަންނައިރު ރާއްޖޭގައި ތިބި ކަނޑުފެރޭ މީހުންގެ ތަހުގީގު މުޅިން ފުރިހަމަ ނުކޮށް، އެމީހުން ރާއްޖެ އިން ސޯމާލިޔާ އަށް ފޮނުވައި ދިނުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެއް ކަމަކަށް ގައުމީ ސަލަމާތާ ގުޅިފައިވާ މި ތަހުގީގުތަކުން ހާސިލުވީ ކޯންޗެއްތޯ ވެސް ސުވާލު އުފެދެ އެވެ.

ކަނޑު ފޭރޭ މީހުން ރާއްޖެ އާ 530 މޭލު ބޭރުން، 2010 ވަނަ އަހަރުގެ އޭޕްރީލް މަހު ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިންގައިފަ އެވެ. އެ ހާދިސާތަކާ އެކު އިންޑިޔާގެ ދިފާއީ ބާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތައް ނުރައްކާތެރި ކަމުގެ އިންޒާރު ވެސް ނެރުނެވެ.

ސޯމާލިޔާގެ ފޭރޭ މީހުންގެ ހަގީގަގަތަކީ ސޯމާލިޔާގައި ގާނޫނީ ވެރިކަން 1991 ވަނަ އަހަރު ވެއްޓުމާ އެކު އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބާރު ކެނޑި މުޅި ގައުމު ހިތަކަށް އާންމުންނަށް ލިބުނެވެ. ހަނގުރާމަވެރި ގްރޫޕުތައް އުފެދި އެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ކަނޑަށް ޣަރުގުވެގެން ދިޔަ އެވެ. ސޯމާލިޔާގެ މަސްކަނޑުތަކަށް އެހެން ގައުމުތަކުގެ މަސްވެރިން ވެރިވެގަތެވެ. ނަތީޖާ އަކަށްވީ ދޮށިތައް އުކާލައި ކަނޑުތަކުގެ ދިފާއުގައި ސޯމާލިޔާގެ މީހުން ބަޑިއާއި ޒަމާނީ ބަރު ހަތިޔާރު ދަތުރަށް އެރުމެވެ.

އެހިސާބުން ފެށިގެން ސޯމާލިޔާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކާ އައީ ރާއްޖެއާ ކައިރިއަށް ޖެހެމުންނެވެ. އެ މީހުންގެ މަދަ ވެސަލްތައް ފޮނުވައި ކުދި ޑިންގީތަކާއި ބޯޓުފަހަރު އިންޑިޔާ ކަނޑުގެ ތެރެއަށް ފެތުރިގަތް ހިސާބުން ފެށިގެން ރާއްޖޭ ރަށްރަށަށް އައީ އެމީހުންގެ އުޅަނދުތައް ގޮނޑުވަމުންނެވެ.

ދުނިޔޭގެ ވިޔަފާރިތަކާއި ދެކޮޅަށް ހިންގާ ތަފާތު ހަމަލާތައް ހުއްޓުވުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާ އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން ސޯމާލިއާގެ ފޭރޭ މީހުންގެ އަތްދަށުގައި 33 އުޅަނދެއް މިހާރު ވެސް އެބަ އޮތެވެ. އަދި އުޅަނދުތަކުގެ 217 ފަޅުވެރިޔަކު ރަހީނުކޮށްފައި އެބަތިއްބެވެ. މީގެ މާނައަކީ ސޯމާލިޔާގެ ކަނޑު ފޭރޭ މީހުންގެ ހަރަކާތްތައް އަދިވެސް އެންމެ މަތީ ދަރަޖައިގައި އޮތުމެވެ.

"މިޒާތުގެ ގިނަ އުޅަނދުތައް މި ހަރަކާތްތެރި ވަނީ ޓާސްފޯހުގެ މާ ބޭރުގައި، ދުވާލަކު ކޮންމެ ވަގުތަކު، ކޮންމެ ހިނދެއްގައި މި ބާވަތުގެ 400 އާއި 500 އާ ދެމެދުގެ އުޅަނދުތައް ކަނޑުމަތީގައި ހަރަކާތްތެރިވަމުންދޭ، ރާއްޖެ އަށް ލައްވައިލަނީ އޭގެ ތެރެއިން ވަރަށް މަދު އުޅަނދެއް،" ބްރިގޭޑިޔާ ޖެނެރަލް މޭޖާ ޒަކަރިއްޔާ މަންސޫރު ކުރިން ވިދާޅުވެފައިވެ އެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ ކަނޑުގެ ތެރެއިން އެފަދަ އުޅަނދެއް ފެނުނީ ހަތް މީހުންނާ އެކު 2009 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހު އައްޑު އަތޮޅުންނެވެ. އެއާ އެކު މޫސުމީ ކަމެއްހެން ފުލުފުލުން ސޯމާލިޔާގެ މީހުންކަމަށް ބެލެވޭ މީހުން ރަށްރަށާއި ކައިރިން ފެންނަންފެށި އެވެ. ޖެހިގެން އައި، 2010 ވަނަ އަހަރު ފަސް ފަހަރެއްގެ މަތިން ސޯމާލިޔާގެ މީހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެވުނެވެ. އެއާ އެކު ފުލުހުންގެ ބެލުމުގެ ދަށުގައި ކަނޑު ފޭރޭ މީހުން ކަމަށް ބެލެވޭ 34 މީހަކު މިހާރު ވެސް އެބަތިއްބެވެ.

އޭގެތެރެއިން އެއްވެސް މީހަކީ ކަނޑުފޭރޭ މީހުންކަމަށް ތަހުގީގަށް ސާބިތުވެފައި ނެތަސް ގައުމީ ދިފާއީ ބާރުގެ ވިސްނުން ހުރީ އެމީހުންނަކީ ނުރައްކާތެރި ކަނޑުފޭރޭ ބަޔެއްގެ ގޮތުގަ އެވެ.

"އެމީހުން ބުންޏަސް ނުބުންޏަސް އެމީހުންނަކީ ކަނޑުފޭރޭ މީހުން،" މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބްރިގޭޑިޔާ ޖެނެރަލް މޭޖާ ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައި އެވެ.

ދާދިފަހުން އެމެރިކާގެ މެރިން އިން ވަނީ އޭޝިޔާގެ އިގްތިސޯދުގެ މައި ކަނޑުއޮޅިތަކުގެ ތެރެއަށް ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ވަދެ ނުރައްކާތެރި ހަރަކާތްތަކެއް ހިންގާކަމުގެ އިންޒާރުދީފަ އެވެ. އެ ނުރައްކާ އެންމެ ބޮޑީ ރާއްޖެއަށް ކަން ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މި އިންޒާރާ އެކު ދިވެހި ފުލުހުން ދިނީ ތަފާތު މެސެޖެކެވެ. އެއީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ސޯމާލިޔާގެ 34 މީހުން އެނބުރި އެމީހުންގެ ގައުމަށް ފޮނުވާލާ ވާހަކައިން ދިން ހަބަރެވެ.

"އެ މީހުންގެ ތަހުގީގުތަކުން އިނގެން ޖެހޭ ބައެއް މައުލޫމާތު މިހާރު ވެސް ލިބިފައި ހުރީ. އެކަމަކު އަނެއްބައި އެމެރިކާގެ ކަނޑުގެ ސިފައިންނާ ގުޅިގެން މިއަންނަނީ ހޯދަމުން. މައުލޫމާތު ލިބޭ ވަރަކުން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މީހުން (މާލޭގައި ތިބި 34 މީހުން) ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން،" ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.

ގައުމީ ދިފާއީ ބާރުން އެމީހުންނަކީ ނުރައްކާތެރި ބަޔެއްގެ ގޮތުގައި ސިފަކުރާއިރު އެމީހުން އެއްވެސް ޝަރުތެއްނެތި ރާއްޖެ އިން ފޮނުވާލުމަކީ ވިސްނައިލަން އެންމެ ރަނގަޅު ނުކުތާ އެކެވެ. ކޮންމެ ގޮތެއްވިޔަސް ތަހުގީގު މުޅިން ނިމި ފުރިހަމަ ނުވަނީސް އަޑި ނޭނގޭ ބަޔަކު ހާލުގައި ޖެހިފައިވާ ބަޔެއްގެ ތައްގަނޑުޖަހައި ގައުމުން ފޮނުވާލުމަކީ އާންމުން ސުވާލު އުފައްދާނެ ކަމެކެވެ. އެމެރިކާގެ ދިފާއީ ބާރުގެ އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައި އާންމުންނަށް ވާނުވާއެއް ނޭނގޭ ގޮތަށް މިކަން ކުރުމަކީ އިތުރު އޮޅުންތަކެއް އަރާނެ ކަމަކަށް ނުވާނެ ހެއްޔެވެ؟