އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އާއި ސެކްރެޓެރީ ޖެނެރަލް ބައްސާމް އަދީލް ޖަލީލް މިހާރު ޖަޕާނަށް ކުރަމުންދާ ދަތުރުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ޖަޕާނުގެ އެފްއޭ އިން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކޯޗެއް ހަމަޖައްސަދޭން އެއްބަސްވެފައިވާ ކަމަށް ޝަވީދު ވިދާޅުވެއްޖެ އެވެ.

ގައުމީ އަންހެން ޓީމަށް ކޯޗެއް ހަމަޖައްސައިދޭން ޖަޕާނުގެ އެފްއޭ އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ޝަވީދު ހާމަކޮށްފައި ވަނީ އިއްޔެ އެވެ. ޖަޕާން އެފްއޭގެ ރައީސް ކުނިޔާ ޑައިނީއާ އިއްޔެ ޝަވީދު ބައްދަލުކުރައްވާފައިވާ އިރު، އެ ގައުމުގެ އެފްއޭ އިން އެފްއޭއެމްގެ ވައިޑީޕީ ޕްރޮގްރާމަށް ދޭ އެހީ އިތުރުކޮށްދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ޝަވީދު ވިދާޅުވި އެވެ.

ޖަޕާނު އެފްއޭގެ ރައީސްގެ އިތުރުން، އެ ދަތުރުގައި ޝަވީދު ވަނީ ޖަޕާނުގެ ސްޕޯޓްސް އެންޑް ޔޫތު ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް ކޫބޯ ކިމިޓޯ އާވެސް ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އެ ބިއުރޯއިން ހިންގާ "ސްޕޯޓްސް ފޯ ޓުމޯރޯ" ޕްރޮގްރާމްގައި ރާއްޖެ ބައިވެރިކުރަން އެ މަޝްވަރާތަކުގައި ނިންމާފައި ވާކަން ޝަވީދު ވަނީ ހާމަކޮށްފަ އެވެ.

"ސްޕޯޓްސް ފޯ ޓުމޯރޯ" ޕްރޮގްރާމަކީ އެކި ގައުމުތައް ހިމަނައިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެތުލީޓުން ތަމްރީނުކޮށް، ކުރިއެރުވުމަށް އެހީތެރި ވެދޭނެ ކަމަށް ޝަވީދު ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުންތަކުގެ އިތުރުން، ސްޕޯޓްސް ޕްރޮޖެކްޓުތަކާއި ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޝަވީދު ވަނީ ޖަޕާނުގެ ހާއްސަ ޑެލިގޭޝަނަކާ ބައްދަލުކުރައްވާފަ އެވެ. އަދި ޖަޕާނު އެފްއޭގެ ނައިބު ރައީސް ކޯޒޯ އާވެސް ބައްދަލުކުރައްވާފައިވާ އިރު، ޝަވީދު ވަނީ ކުރިއަށް އޮތްތާ ޖަޕާނު އެފްއޭގެ ފަރާތުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ލިބޭނެކަން ހާމަކޮށްފަ އެވެ.

ފުޓްބޯޅައިގެ ދާއިރާއިން ޖަޕާނުން ރާއްޖެ އަށް އަބަދުވެސް ގިނަ އެހީތަކެއް ވަމުން އަންނަ އިރު، ޖަޕާނު އެފްއޭގެ އެހީއާ އެކު މި އަހަރު ރާއްޖޭގެ ގައުމީ ޓީމްގެ ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ ޔަންމާ ކުންފުންޏެވެ. އަދި މި އަހަރުތެރޭ ރާއްޖޭގެ ގައުމީ ޓީމަށް ބައިނަލްއަގްވާމީ މެޗުތައް ހަމަޖައްސައިދޭން ވެސް ޖަޕާނުގެ އެފްއޭ އިން ވަނީ އެއްބަސްވެފަ އެވެ.