24 Mar 2015, 14:42
ބާސެލޯނާ ދޫކޮށް އެޓީމުގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ފްރާންސްގެ ޕީއެސްޖީއަށް ދާނޭ ހަމައެއްވެސް ފުރުސަތެއް ނެތްކަމަށް ބާސާއަށް ކުޅޭ ފްރާންސް ޑިފެންޑަރު ޖެރެމީ މެތިއު ބުނެފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ މެސީ އޭނާގެ މުޅި ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ކެޓަލޫނިއާގައި ހޭދަކޮށްފައިވާއިރު، އޭނާ ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2018ގައެވެ. އަދި އޭނާ އެހެން ކްލަބަކަށް ބަދަލުވާނަމަ ފީއެއްގެ ގޮތުގައި 250 މިލިއަން ޕައުންޑު ދައްކަން ޖެހެއެވެ.
އަހަރު ފެށިގެން އައިއިރު، ބާސާގެ ކޯޗު ލުއިސް އެންރިކޭއާ މެސީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވާހަކަތަކެއް މީޑިއާއަށް ފެންމަތިވެގެން ދިޔައެވެ. އަދި ކޭމްޕް ނޫގައި އިތުރަށް ހުރެދާނެކަން އޭނާއަށް ވެސް ޔަގީން ނުވާކަމަށް އޭރު ފާޅުގައި މެސީ ބުނެފައި ވެއެވެ.
އެހެން ނަމަވެސް މެތިއު ބުނީ ބާސާ ފިޔަވައި އެހެން ޓީމަކުން މެސީ ފެނިދާނެ ކަމީ އޭނާ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"މެސީ ޕީއެސްޖީއަށް؟ އެއީ ވާނެކަމެއް ނޫން،" ފްރާންސްގެ ރޭޑިއޯއަކަށް މެތިއު ބުންނެވެ. "އަހަންނަކަށް ނުފެނޭ ބާސާ ނުން ޓީމަކަށް މެސީ ދާނެކަމަކަށް."
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބާސާއާއި ޕީއެސްޖީ ކުރިމަތިލާން ޖެހޭއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޕީއެސްޖީ ވަނީ، 3-2 ލަނޑުން ބާސާ ބަލިކޮށް އެޓީމު މި ސީޒަންގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސްފައެވެ. އެހެން ނަމަވެސް ގްރޫޕް ސްޓޭޖްގެ ރިޓާން ލެގުގައި ބާސާގެ ދަނޑުގައި މި ދެޓީމު ބައްދަލު ކުރިމެޗު، 3-1 ކާމިޔާބުކުރީ ބާސާއެވެ.
"މި މެޗަކީ އެހެން މެޗުތައްފަދަ މެޗަކަށް ވެގެންދާނެ. އެކަމަކު ޕީއެސްޖީއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ. ސަބަބަކީ އެޓީމުގައި ފެންވަރު ރަނގަޅު މޮޅު ގިނަ ކުޅުންތެރީންތަކެއް ތިބިމަ،" އަންނަ މަހު 15ގައި ބާސާއާ ޕީއެސްޖީ ކުރިމަތިލާ ޗެމްޕިއަންސް ލީގު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗާ ބެހޭގޮތުން ބާސާގެ ޑިފެންޑަރު މެތިއު އޭނާ ދެކޭގޮތް ކިޔައިދިނެވެ.
"އަހަރެމެންނަށް އެމީހުން [ޕީއެސްޖީ] ވަރަށް ރަނގަޅަށް އެނގޭ، އަދި ގްރޫޕް ސްޓޭޖްގައި އަހަރެމެން ކުޅުނު ފެންވަރަށް ކުޅެފި ނަމަ، ސެމީއަށް ދެވޭނެ. އެކަމަކު އަހަރެމެން 100 ޕަސެންޓް ދޭންޖެހޭ،" މެތިއު ބުންޏެވެ.
އާދީއްތަ ދުވަހުގެ ރޭ ލަލީގާގައި ރެއާލް މައްޗަށް ހޯދި ފުރިހަމަ ކާމިޔާބީއާއެކު ރަނގަޅު ފޯމެއްގައި މިވަގުތު އޮތް ބާސާ ވަނީ، ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. އެ މެޗުގައި ބާސާއަށް މޮޅުވުމުގައި އިސް ރޯލެއް އަދާކުރި، އަދި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މެތިއު، ދެކޭގޮތުގައި ހަތަރު ޕޮއިންޓުގެ ފަރަގެއް ރެއާލްއާ ބާސާއާ ދެމެދު މިވަގުތު އޮތަސް އަދިވެސް ލީގު ކާމިޔާބުކުރުމަށް އޮތް ވާދަވެރިކަން ކުރިއަށް އޮތީއެވެ.
"ކުރިއަށް ގިނަ މެޗުތަކެއް އަދި ގިނަ ޕޮއިންޓުތަކެއް އެބަހުރި،" ބާސާގެ ސެންޓްރަލް ޑިފެންޑަރު ބުންޏެވެ.
މެތިއު ބުނީ، ބާސާއަށް ލީގު ކާމިޔާބުކުރުމުގެ ފުރިހަމަ ބާރު މިވަގުތު އޮތުމުން އެއީ ވަރަށް ބޮޑު ފައިދާއެއް ކަމަށާއި އެހެން ނަމަވެސް އެކަން ހާސިލްކުރުމަށް ކުރިއަށް ހުރި މެޗުތަކުން މޮޅުވާން ޖެހޭ ކަމަށެވެ.
"އެއީ އުނދަގޫ ކަމަކަށް ވާނެ، ސަބަބަކީ އޭޕްރިލް މަހުގައި އަހަރެމެންގެ އޮތީ ވަރަށް ބިޒީ ޝެޑިއުލްއެއް،" މެތިއު ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެމެޗާއެކު އަންނަ މަހު ބާސާއަށް މުޅި ޖުމުލަ 24 މެޗު ކުޅޭން ޖެހެއެވެ. -- (ގޯލް، ބާސެލޯނާ ވެބްސައިޓް)