ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި އޭނައާ ދެކޮޅަށް ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު ސިފައިންގެ އެޑްމިން އެންޑް ޕާސަނަލް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމުގައި ހުންނެވި ކާނަލް އިބްރާހިމް ރަޝީދުގެ ވިދާޅުވީ އިސް ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ އެއްވެސް ސިފައިންގެ އޮފިސަރަކު ނަގަން ނުޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ ތޮލްހަތު ނަންގަވާނެ ކަމަށް ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމެއްގައި ތޮލްހަތު ވިދާޅުވި އެވެ.

އޭނާގެ ހެކިބަސް ނަގައި ނިމުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިމުނީ ކަމަށެވެ. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ޑޮކިއުމެންޓްރީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ވެސް ތޮލްހަތާ ދެކޮޅަށް ސިފައިންގެ އޮފިސަރުންތަކެއް ވަނީ ހެކިބަސްދީފައެވެ.