ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒިޔާދުގެ ގާނޫނީ ވަކީލު މަޒްލާން ރަޝީދު ވިދާޅުވީ ހެކީންގެ ގޮތުގައި ހުށަހެޅި އެއްވެސް މީހަކު ހާޒިރުކުރަން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް ޑޮކިއުމެންޓްރީ ހެކިތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ދެ ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް މަޒުލާން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ.

ޒިޔާދުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރހީމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށެވެ.

މީގެއިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ އުފުލި އެވެ. އެމަނުކުފާނުގެ މައްޗަށް ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނޯ ހުކުމް ކޮށްފަ އެވެ.