24 Mar 2015, 13:45
"އެލިޔާ ސްޓޯރު 3" ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ ތިން ވަނަ ދުވަހު "އެލިޔާ ސްޓޯރު 3" ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން "އެލިޔާ ސްޓޯރު 3" ގެ ތިޖޫރީ ވަގަށް ނެގި އިރު އެތިޖޫރީގައި އެއްވެސް ފައިސާއެއް ރައްކާކޮށްފައެއް ނުވާ ކަމަށެވެ. އެ ފިހާރައަށް ވަދެ ފައި ވަނީ އެތަނުގެ ދޮރު ހަލާކު ކޮށްލައިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ 18 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 143 ފަހަރު ހުއްޓުވައި ސުވާލުކޮށް، 23 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނުވަ ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 19 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 155 ފަހަރު ހުއްޓުވައި ހަތް ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައެއްގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު އެ ތަނުން ވަގަށް ނަގާފައިވާ ތިޖޫރީ ހަލާކު ކޮށްލާ އެއްލާލާފައި ވަނިކޮށް އެ ފިހާރަ ހުންނަ ސަރަޙައްދުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.