ޓޯކިޔޯ : ޗައިނާގެ އިޤްތިސާދާ އަޅާބަލާއިރު ވޭތުވެދިޔަ އަހަރު ޖަޕާނުގެ އިޤްތިސާދު 1.1 އިންސައްތަ ދަށަށްގޮސްފައިވާކަން ޖަޕާން ސަރުކާރުން ނެރުނު ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިތަފާސްހިސާބުތައް ދައްކާގޮތުން 2010 ވަނަ އަހަރު ޖަޕާނުގެ ޤައުމީ އާމްދަނީގެ މިންވަރު 0.3 އިންސައްތައަށް ދަށަށް ދިޔުމާގުޅިގެން އިޤްތިސާދީ ކުރިއެރުންވަނީ ކުރިން ލަފާކޮށްފައިވާ ވަރަށްވުރެ 1.1 އިންސައްތަ ދަށަށް ގޮސްފައެވެ. ނަތީޖާއަކީ ދުނިޔޭގެ ދެވަނަ އިޤްތިސާދުގެ ދަރަޖައިން ތިންވަނަ އިޤްތިސާދުގެ ދަރަޖައަށް ޖަޕާން ވެއްޓިގެން ދިޔުމެވެ.

ދުނިޔޭގެ ދެވަނަ އިޤްތިސާދުގެ ގޮތުގައި 2010 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ޖަޕާނުގެ އިޤްތިސާދު އޮތްނަމަވެސް އެއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޖަޕާނުގެ އިޤްތިސާދު ފަހަނަޅައި ޗައިނާގެ އިޤްތިސާދު ވަރަށް ކުޑަ މިންވަރަކަށް ކުރިޔަށް ޖެހިލިކަން އެދުވަސްވަރު ޗައިނާއިން ނެރުނު ތަފާސް ހިސާބުތަކުން ދުނިޔެއަށް ހާމަވެގެން ދިޔައެވެ. މިއާއެކު ދުނިޔޭގެ ދެވަނަ އިޤްތިސާދުގެ މަޤާމް ޗައިނާ ހޯދައި ތިންވަނަ ދަރަޖައަށް ޖަޕާން ވެއްޓިގެންދިޔަ ނަމަވެސް 2010 ވަނަ އަހަރު ނިމޭއިރު ޖަޕާނަށް އަލުން މިމަޤާމް އަލުން ހޯދޭނެ ކަމަށް އެޤައުމުން އުންމީދު ކުރިއެވެ.

ނަމަވެސް 2010 ވަނަ އަހަރު ނިމުނުއިރު ޖަޕާނުގެ ޤައުމީ އާމްދަނީ އަށްވުރެ ޗައިނާގެ ޤައުމީ އާމްދަނީވަނީ ގާތްގަނޑަކަށް 400 ބިލިޔަން އެމެިރކާ ޑޮލަރު އިތުރުވެފައެވެ. ދެޤައުުމުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު 2010 ވަނަ އަހަރުގެ ޖަޕާނުގެ ޤައުމީ އާމްދަނީއަކީ 5،474 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ޗައިނާގެ ޤައުމީ އާމްދަނީއަކީ 5،879 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ.

ޖަޕާނުގެ އިޤްތިސާދު ތިންވަނަ ދަރަޖައަށް ވެއްޓިގެން ދިޔައީ އެޤައުމުން އެކްޕޯޓްކުރާ މުދަލުގެ ނިސްބަތް ޗައިނާއަށްވުރެ ދަށަށް ދިޔުމުގެ ސަބަބުން ކަމަށާއި މުސްތަޤްބަލްގައި ވެސް ޗައިނާއާއަޅާބަލާއިރު ޖަޕާނުގެ އިޤްތިސާދު ދާނީ ދަށަށް ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ. އެމެރިކާ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑުއިޤްތިސާދުތައް ކަމުގައިވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާ އަދި އެންމެފަހުން ޖަޕާންވެސް ފަހަތަށް ޖައްސާލުމަށްފަހު މިޤައުމުތަކުގެ މައްޗަށް ޗައިނާ ކުރިހޯދީ ދެއަހަރު ތެރޭގައެވެ.

ތަޖްރިބާކާރުން ލަފާކުރާ ގޮތުން 2022 ވަނަ އަހަރާ ހަމައަށްދާއިރު ނޫނީ އެއަށްވުރެވެސް އަވަހަށް އެމެރިކާގެ މައްޗަށްވެސް ޗައިނާ ކުރިހޯދާނެއެވެ. އެމެރިކާއަކީ ދުނިޔޭގެ އެއްވަނަ އިޤްތިސާދެވެ. އެެމެރިކާގެ ޤައުމީ އާމްދަނީއަކީ ގާތްގަނޑަކަށް 13.2 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް އެމެރިކާގެ އިޤްތިސާދު އެވްރެޖްގޮތެއްގައި އަހަރެއްގެ ތެރޭގައި 3 ނޫނީ 4 އިންސައްތާގައި ކުރިޔަށްދާއިރު ޗައިނާގެ އިޤްތިސާދު 10 ނޫނީ 11 އިންސައްތާގައި ކުރިޔަށްދެއެވެ. އެހެންކަމުން ފަހަތުންގޮސް އެމެރިކާއާ ފައިހަމަކުރުމަކީ 10 ވަރަކަށް އަހަރު ތެރޭގައި ޗައިނާއަށް ކުރެވިދާނެ ކަމެއް ކަމަށް މިފަރާތްތަކުން ލަފާކުރެއެވެ. -- ބީބީސީ