ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގެންނެވި ކަމަށާއި އެކަމަށް ރައީސް ދެއްވި އިރުޝާދަކީ ނާޒިމުގެ ގާނޫނީ ޓީމާ ގުޅިވަޑައިގެން ޝަރީޢަތުގެ މަރުހަލާގެ ތެރެއިން އެ މަސައްކަތް ކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އިމްރާން ރޭ ވިދާޅުވެފައި ވަނީ ނާޒިމް ވަނީ "ފްރޭމްކޮށްފައި" ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އެދިވަޑައިގަތުމަކަށް އެ ޕާޓީގެ ހަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދަކާ ރައީސުލްޖުމްހޫރިއްޔާ މި މަހުގެ ތިން ވަނަ ދުވަހު ބައްދަލު ކުރެއްވި ކަމަށާއި އެ އެބައްދަލު ކުރެއްވުމުގައި ނާޒިމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އިމްރާން އެދިވަޑައިގެންނެވި ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން އިމްރާނުގެ ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ ނާޒިމް ފްރޭމް ކުރެވިފައިވާކަން ނުވަތަ ނޫންކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ މައްސަލަ އެވަނީ ތަހްގީގު ކުރެވި ޝަރީއަތުގެ މަރުހަލާގައި ކަމަށްވާ އިރު ދައުވާއެއް އަނބުރާ ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީ އިން ތަންދޭ ކަމެއް ނޫން ކަމަށެވެ.

"ޝައިހް އިމްރާން އަބްދުﷲ އަށް، ކުރީގެ ޑިފެންސް މިނިސްޓަރު ފްރޭމް ކުރެވިފައިވާ ކަމަށް ގަބޫލުފުޅުކުރެއްވޭ ނަމަ، ނުވަތަ ސާބިތު ހެކިތަކެއްވާ ނަމަ، ކުރީގެ ޑިފެންސް މިނިސްޓަރުގެ ގާނޫނީ ޓީމާ ގުޅިވަޑައިގެން ޝަރީއަތުގެ މަރުހަލާގެ ތެރެއިން އެ މަސައްކަތްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވި،" މުއާޒު ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ނާޒިމުގެ މައްސަލައިގެ އިތުރުން އިމްރާން ރައީސް އާއި ހިއްސާކުރެއްވި އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ނުވަތަ ފަސާދައިގެ އަމަލުތައް ހިނގަމުންދާކަން ޝައިހް އިމްރާން ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުން އެކަމަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ އަމަލުތައް ސަރުކާރުގެ ތެރޭގައި ހިނގާ ކަމަށް އިމްރާނަށް ފާހަގަކުރެވިފައިވާ ނަމަ، އެކަންކަން ހުށަހަޅުއްވާނެ މުއައްސަސާތައް ރާއްޖޭގައި ގާއިމުވެފައި އެބަހުރި ކަމަށާއި އެފަދަ މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކާއި ނިޒާމުތަކަށް ޖާގަދެއްވައިގެން، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކަމުގައި ޝައިހް އިމްރާން ޢަބްދުﷲގެ އަރިހުގައި ރައީސް ވިދާޅުވި ކަމަށެވެ.