24 Mar 2015, 13:11
ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ވާދަކުރާ ތަޖަކިސްތާނުގެ ގައުމީ ޓީމް މިރޭ ރާއްޖެ އަންނާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ އޮފިޝަލަކު "ސަން"އަށް ބުނީ ތަޖަކިސްތާނު ގައުމީ ޓީމް ރާއްޖެ އަންނާނީ މިރޭ ދަންވަރު 12:00 އެހާއިރު ކަމަށެވެ. ރާއްޖެއާ ދެކޮަޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ތަޖަކިސްތާނުން އަދި މިހާތަނަށް ހާމަކޮށްފައި ވަނީ 19 ކުޅުންތެރިން ހިމެނޭ ސްކޮޑެކެވެ.
ތަޖަކިސްތާނު ޓީމު އެ މެޗާ ކުރިމަތި ލަނީ 2013 ވަނަ އަހަރުގެ ޖުލައިގައި ޓީމްގެ ކޯޗުކަމާ ހަވާލުވި އެ ގައުމުގެ މުޚްސިން މުހަމަދީވްގެ އިރުޝާދުގެ ދަށުންނެވެ. އަދި ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ތަޖިކިސްތާނު ގައުމީ ޓީމަށް މިހާތަނަށް 36 މެޗު ކުޅެދީފައިވާ ގޯލްކީޕަރު އެލީޝާ ޓޫޝީވް އެވެ.
މި ފަހަރުގެ މެޗަށް ތަޖަކިސްތާނު ގައުމީ ޓީމަށް ނެގި ކުޅުންތެރިންގެ ތެރޭގައި، އެ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ދެ ކުޅުންތެރިން، ޔޫސުފް ރާބީވް އާއި ނުމަންޖޮން ޖިއަސޮވް ސްކޮޑުގައި ހިމަނާފައި ވާކަން އަދި އެ ޓީމުން ހާމަކޮށްފައެއް ނުވެއެވެ. އެ ދެ ކުޅުންތެރިންވެސްް ވަނީ 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގައުމީ ޓީމަށް މުޅިއަކު 15 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ރަހުމަތްތެރިކަމުގެ މެޗަށް ތަޖަކިސްތާނުން މިހާތަނަށް ހާމަކުރި ސްކޮޑުގައި ތިން ގޯލްކީޕަރުންނާއި ހަތް ޑިފެންޑަރުންގެ އިތުރުން ފަސް މިޑްފީލްޑަރުންނާއި ހަތަރު ފޯވާޑުން ހިމަނާފައިވެ އެވެ. އޭގެ ތެރެއިން 13 ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި އެ ގައުމުގެ ލީގާއި އެފްއޭ ކަޕްގެ އިތުރުން ތަޖިކް ސުޕާ ކަޕް ކާމިޔާބުކުރި ކްލަބް، އެފްސީ އިސްތިކްލާލް އަށް ކުޅޭ ކުޅުންތެރިންނެވެ.
ތަޖަކިސްތާނު ގައުމީ ޓީމުގެ ކާމިޔާބީތަކަށް ބަލާލާއިރު، އެ ޓީމް ވަނީ 2006 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ޗެންޕިއަންކަން ހޯދާފައެވެ. ނަމަވެސް 2008 ވަނަ އެ މުބާރާތުގެ ދެވަނަ އާއި 2010 ވަނަ އަހަރު މުބާރާތުގެ ތިންވަނަ އެ ޓީމް ހޯދާފައި ވާއިރު، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕަށް އެ ޓީމް ކޮލިފައި ވެފައެއް ނުވެއެވެ.
އޭގެ އިތުރުން އޭއެފްސީ އޭޝިއަން ކަޕްގައި ވެސް އެ ޓީމް މިހާތަނަށް ވާދަކޮށްފައި ނުވާއިރު، ވޯލްޑް ކަޕަށް ވެސް އަދި މިހާތަނަށް އެ ޓީމް އެއްފަހަރު ވެސް ކޮލިފައި ވެފައެއް ނުވެއެވެ.