މިނިވަން ފަންސާސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "މިނިވަން ފަންސާސް ރައިވެރިބޭގެ ފެތުން" ނަމުގައި އަންނަ ހުކުރު ދުވަހު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިންގް މިނިސްޓްރީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ "މިނިވަން ފަންސާސް ރައިވެރިބޭގެ ޖިހާދުގެ ފެތުން" ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހު ވިލިމާލެ އާއި މާލޭއާ ދެމެދު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

މާލޭގައި މި ހަރަކާތްތައް ކުރިއަށް ގެންދާ ސަރަހައްދެއްގެ ގޮތުގައި ކަނޑައާޅާފައި ވަނީ މަޖީދީމަގު ސޯޝަލް ސެންޓަރާ ދިމާ ބޭރުގައި އޮންނަ ސަރަހައްދުގަ އެވެ.

ހޯމް މިނިސްޓްރީ އިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް އެންވައިރަމަންޓް މިނިސްޓްރީ އިން ގެންދަނީ ކުރަމުންނެވެ.

މިނިވަން ފަންސާސް ފާހަގަ ކުރުމަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެން ދިޔަ ފަތިސް ނަމާދަށް ފަހު ދުއާ ކުރުމާއި ސަރިންދާ މިއުޒިކު ޝޯ އާއި އާޓު އެގްޒެބިޝަން އެކެވެ.