24 Mar 2015, 12:33
ރާއްޖެ ގެންނަން ހަމަޖެހިފައިވާ ޑޯގް ސޮކަޑަށް "ފާރަ ގެމަ"ގެ ވަކިވަކި ކުއްތާތަކަށް ނަން ކިޔުމަށް ދިވެހި ބަހުގެ އެކަޑަމީއިން މަސައްކަތް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރާއްޖެ ގެންނަ 16 ކުއްތާއަށް ވަކިވަކިން ނަން ކިޔުމަށް ދިވެހި ބަހުގެ އެކަޑަމީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ދިވެހި އެކަޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު "ސަން"އަށް ވިދާޅުވީ ވަކިވަކި ކުއްތާތަކަށް ނަން ހޯދުމަށް ބޭނުންވާ އިލްމީ ލަފައަށް ނުރަސްމީކޮށް ފުލުހުން އެދިފައިވާ ކަމަށެވެ. އެ މަސައްކަތް ރަސްމީކޮށް ވަރަށް އަވަހަށް ފެށާނެ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
"ފާރަތަކަށް މި ދެއްނެވީ ކުއްތާތަކަށް ވަކިވަކި ނަންތަކެއް ދިނުމުގެ މަސައްކަތެއް، އަޅުގަނޑުމެން މި ބަލަނީ ވީހާވެސް އަވަހަށް އެކަން ކުރަން، އިލްމީ މަސައްކަތެއް ވީމަ ތަންކޮޅެއް ބޮޑަށް ކުއްލިއަކަށް ކޮށްލަން ފަސޭހަ ކަމަކަށް ނުވާނެ ދެއްތޯ،" އަޝްރަފް ވިދާޅުވި އެވެ.
ޑޯގް ސޮކަޑަށް ދިވެހި ބަހުގެ އެކަޑަމީން ދީފައިވާ ނަމަކީ "ފާރަ ގެމަ" އެވެ.
ރޭ ރާއްޖެ ގެނައުމަށް ނިންމާފައިވާ ކުއްތާތަކަށް ދިމާވި ކަމަކުން ރާއްޖެ ގެނައުން މިރެއަށް ވަނީ ލަސްވެފައެވެ.
މިރޭގެ ވަގުތެއްގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ ފަސް ކުއްތާ އެވެ. ފާރަގެމަ ސްކޮޑުގައި ހިމެނެނީ ޖުމްލަ 16 ކުއްތާ އެވެ. އެ ހުރިހާ ކުއްތާއެއް މިމަހުގެ 27 ގެ ކުރިން ގެންނާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.