ގޯންޏެއްގައި ރައްކާކޮށްފައި ހުރި 10 ކަތިވަޅިއާ އެކު ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން މިއަދު ޖަހާފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 19 އަހަރުގެ ދެމީހުންނަށެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 15 އަހަރުގެ ކުއްޖާ ވަނީ ބަޔާން ނެގުމަށް ފަހު އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ ފަތިހު 3:45 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި ބުރުޒުމަގު ހެންވޭރުކޮޅު ސަރަހައްދުން އެމީހުން ހައްޔަރުކޮށްފައި ވަނީ އެވަގުތު އެމީހުންގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނެވެ. އަދި އެމީހުން ތިބި ސަރަހައްދުން 10 ކަތިވަޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.