24 Mar 2015, 11:57
ހޮނިހިރު ދުވަހުގެ ރޭ ފަތިހު މޫނު ނިވާކޮށްގެން ތިބި ބަޔަކު މާލޭ ހުޅަނގު ދެކުނު ހާބަރުގައި ހުންނަ ޅިޔަނުކެފޭއަށް ވަދެ ހިންގި މާރާމާރީގައި މަރާލި ވޭޓަރުގެ ހަށިގަނޑު އަދިވެސް އޮތީ ގައުމަށް ފޮނުވޭނެ ގޮތެއް ނެތި މޯޗަރީގައި ކަމަށް އެ ކެފޭގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
އެކެފޭގެ ވޭޓަރެއް ކަމަށްވާ ޝާހިން މިޔާ މަރާލާފައި ވަނީ އޭނާގެ މެޔަށް ތޫނު އެއްޗެއް ހަރައިގެންނެވެ.
ޅިޔަނު ކެފޭގެ ވެރިޔާ ހުސައިން ޔާސިރު މިއަދު "ސަން"އަށް ވިދާޅުވީ ފައިސާގެ ކަންކަން ހަމަނުޖެހޭތީ މަރާލާފައިވާ ޝާހިން އަދި ބަގުލަދޭޝް އަށް ފޮނުވޭ ގޮތް ނުވާ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އަލިމަގެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނުފޮނުވިގެން މިއުޅެނީ އަހަރެން މިހިރީ އިނދަޖެހިފައި، އަހަންނަށް ހެދޭނެ ގޮތެއް ނެތް، މިއީ މާޑާ ކޭސްއެއް ސަރުކާރުން މިކަމުގައި އެހީވެދޭތޯ ބަލަން ހަމަ އެ ދިމާލުން މިދިމާލުން މަސައްކަތް ކުރަނީމި،" ޔާސިރު ވިދާޅުވި އެވެ.
ޝާހިމްގެ ހަށިގަނޑު ބަނގުލަދޭޝް އަށް ފޮނުވުމަށް 2450 ޑޮލަރު ނުވަތަ 37779 ރުފިޔާ ބޭނުންވެ އެވެ.
ޔާސިރު ވިދާޅުވީ ޝާހިން މިޔާ މަރާލުމާ އެކު އެ ކެފޭގައި މަސައްކަތް ކުރާ 13 ބިދޭސީން ބޭނުން ވަނީ ފުރައިގެން އެމީހުންގެ ގައުމަށް ދިއުމަށް ކަމަށެވެ. އެ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއާ އެކު އޭނާ މުޅި އުމުރު ދުވަހު ކުރި މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ އެކެފޭ ހިންގާތާ ހައެއްކަ އަހަރު ވެފައިވާ އިރު އެތަނުގައި މަސައްކަތް ކުރާ ބިދޭސީންނަށް މިހާރު ބިރުން މަސައްކަތް ކުރަން ނުކެރޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ޖެހޭނީ މުޅިން އަލަށް މީހުން ގެނެސްގެން އެ މަސައްކަތް ފަށަން ކަމަށް އޭނާ ވިދާޅުވި އެވެ.
ިެިއިމިގްރޭޝަން ޑިޕާޓްމަންޓްގެ މީޑިއާ އޮފިސަރު ހަސަން ހަލީލު މިއަދު ސަން އަށް ވިދާޅުވީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަށް އަންނަ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފަކު ބަލިވުމުން ބޭސްކޮށްދިނުމާއި ކާންބޯންދީ ނިދާނެ ތަން ދެއްކުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ބިދޭސީއަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ހަށިގަނޑު އެ މީހެއްގެ ގައުމަށް ފޮނުވުމަށް ހިނގާ ހަރަދު ވެސް ހަމަޖައްސަން ޖެހޭނ، ދެ ފަރާތުން އެއްބަސްވެފައިވާ އެގްރީމަންޓްގެ ދަށުން، ވަޒީފާ ދޭ ފަރާތަކުން ކަމަށެވެ.