24 Mar 2015, 11:14
އިނގިރޭސި ކުޅުންތެރިންގެ ހުނަރުވެރިކަން އިތުރުކޮށް، އިނގިރޭސި ކުޅުންތެރިން އިތުރަށް ކުރިއަރުވަން ޕްރިމިއާ ލީގުގެ ގަވައިދުތަކަށް ބަދަލުތަކެއް ގެންނަން އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ހުށައަޅައިފި އެވެ.
ގްރެގް އެ ބަދަލުތައް ހުށަހަޅާފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބޭރު ގައުމުތަކުގެ ކުޅުންތެރިން އިތުރުވުމުން، އިނގިރޭސި ކުޅުންތެރިންގެ ކުރިއެރުން ދަށްވެ، އިނގިރޭސި ފުޓްބޯޅައަށް އޭގެން ނޭދެވޭ އަސަރުތަކެއް ކުރަމުން ދާތީ ކަމަށް އޭނާ ބުންޏެވެ.
"ވޭތުވެދިޔަ ތިން އަހަރުތެރޭ އިނގިރޭސި ކްލަބެއް ޗެންޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރު ނުކުރާތާ މިއީ ދެވަނަ އަހަރު. އެއީ މި ސިސްޓަމް މިހާރު އޭގެ އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ނުކުރާކަމުގެ ހެއްކެތް. ޕްރިމިއާ ލީގު އަދިވެސް ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމު، ނަމަވެސް އަހަރެންގެ ބިރަކީ ކުރިއަށް އޮތްތާ ބޭރުގެ މެނޭޖަރުންނާއި ކުޅުންތެރިން ލީގު ކޮންޓްރޯލް ކުރުން،" ގްރެގް ބުންޏެވެ.
ގްރެގް ހުށަހަޅާފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ކްލަބުތަކުން ތަމްރީނުކޮށް، ޓީމަށް ނެރޭ ޒުވާން އިނގިރޭސި ކުޅުންތެރިންގެ އަދަދު މިހާރު ކަނޑައަޅާފައިވާ އަށަކުން 12 އަށް އިތުރު ކުރުން ހިމެނެ އެވެ. އަދި މިހާރުގެ ގަވާއިދު ބުނާ 18 އަހަރުގެ ބަދަލުގައި، 15 އަހަރުން ފަށައިން އިނގިރޭސި ކުޅުންތެރިން ކްލަބްތަކަށް ރެޖިސްޓަރު ކުރުމަށް ވެސް ގްރެގް ވަނީ ހުށަހަޅާފަ އެވެ.
"މިކަން ކުރެވޭނީ ޕްރިމިއާ ލީގުގައި ކުޅޭ ކްލަބުތަކުގެ އިތުރުން، އެހެން ލީގުތައް ހިންގާ ފަރާތްތަކާ ވެސް ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން. މިއީ އިނގިރޭސި ފުޓްބޯޅައިގެ މުސްތަގުބަލަށް އޮތް އެންމެ ރަނގަޅު ގޮތަކަން އެ އެންމެނަށްވެސް ވިސްނަދޭން ޖެހޭ،" ގްރެގް ބުންޏެވެ.
އޭނާގެ ހުށަހެޅުންތަކަށް ގްރެގް ނަގާފައިވާ މިސާލަކީ ޓޮޓެންހެމްއަށް މިޙާރު ކުޅެމުން އަންނަ ސްޓްރައިކަރު ހެރީ ކޭން އެވެ. ގްރެގް ބުނި ގޮތުގައި އެފަދަ ކުޅުންތެރިން އެފަދަ ގޮތަކަށް އުފެދިގެން ދިޔުން އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"މިކަމުގައި އަހަރުމެންގެ ލޯތައް ހުޅުވަދޭނެ އެއް މިސާލަކީ ހެރީ ކޭން. ވަރަށް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ޓޮޓެންހެމްއާ ގުޅި، އޭނާ މިހާރު ގުނާލެވެނީ މި ސީޒަންގެ ޓޮޕް ސްކޯރަރސްގެ ތެރޭ،" ގްރެގް ބުންޏެވެ. "އެފަދަ ކިތައް ހެރީ ކޭން ޕްރިމިއަރ ލީގު ޔޫތު ޓީމުތަކުގައި ތިބޭނެތޯ އެއީ އަހަރުމެން ކުރަން ޖެހޭ ސުވާލެއް،"