(ޚަރުތޫމް، މާޗް 23) ދުނިޔޭގެ އެންމެ ދިގު ކޯރު ކަމަށްވާ ނީލަކޯރުގެ ފެން ހިއްސާކުރުމާ ބެހޭ އެއްބަސްވުމެއްގައި ތިން ގައުމަކުން ސޮއިކޮށްފި އެވެ.

ނީލަކޯރުގެ ފެން ހިއްސާ ކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރީ އެ ތިން ގައުމެއްގެ ތެރެއިން ކޯރު ދެމިފައިވާ މިސްރާއި އިތިއޯޕިއާ އާއި ސޫދާނުންނެވެ. ފެން ހިއްސާކުރުމާ ބެހޭ އެއްބަސްވުމެއް އެކުލަވައިލުމަށް މަގު ފަހިވީ ނީލަކޯރުގެ ފެނުން ކަރަންޓް އުފެއްދުމަށް އިތިއޯޕިއާ އިން ޑޭމް އެއް ބިނާކުރުމަށް މަސައްކަތް ފެށުމުންނެވެ.

އިތިއޯޕިއާ އިން ޑޭމް ބިނާކުރަން ފެށުމުން ސޫދާނާއި މިސްރުން ފުރަތަމަ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ އިސްތިއުމާރުގެ ދުވަސްވަރު އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ދެގައުމަށް ލިބިފައިވާ ފެނުގެ ހިއްސާއަށް އުނިކަމެއް އަތުވެދާނެތީ އެވެ. ހުޅަނގުގެ އިސްތިއުމާރުގެ ދުވަސްވަރު އެކުލަވާލާފައިވާ އެ އެއްބަސްވުމުގެ ދަށުން އިތިއޯޕިއާށް ނީލަކޯރުގެ ފެނުގެ އެއްވެސް ހިއްސާއެއް ދީފައެއް ނުވެ އެވެ.

ފެން ހިއްސާކުރުމާ ބެހޭ އެއްބަސްވުމުގައި މިސްރުގެ ރައީސް ޢަބުދުލް ފައްތާޙު އައްސީސީއާއި ސޫދާނުގެ ރައީސް އުމަރު ބަޝީރާއި އިތިއޯޕިއާގެ ބޮޑުވަޒީރު ހައިލެމަރިއަމް ޑެސަލްގެން އިއްޔެ ސޮއިކުރެއްވީ ސޫދާނުގެ ވެރިރަށް ޚަރުތޫމްގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިސްރުގެ ރައީސް ސީސީ ވިދާޅުވެފައި ވަނީ އިތިއޯޕިއާ އިން އެގައުމުގެ ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތް ކުރާއިރު (ޑޭމް ތަރައްގީ ކުރާއިރު) މިސްރު ރައްޔިތުންނާއި މެދު ވިސްނުން ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"...ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތް ކުރައްވާ އިރު ވިސްނުންފުޅުގައި ބަހައްޓަވާ، މިސްރުގެ ރައްޔިތުންނަށް ނީލަ ކޯރަކީ ހަމަ އެކަނި ފެނުގެ ވަސީލަތެއް ނޫން. އެއީ އެމީހުންނަށް ދިރިއުޅުމުގެ ވަސީލަތެއް ވެސް މެ،" އިތިއޯޕިއާގެ ރައީސާ މުހާތަބު ކުރައްވައި ސީސީ ވިދާޅުވި އެވެ.

"ގްރޭންޑް ރެނެއިސެންސް ޑޭމް" ފެ ނަމުގައި ފެނުން ކަރަންޓް އުފެއްދުމުގެ 4.2 ބިލިޔަން ޑޮލަރުގެ މަޝްރޫއެއް އިތިއޯޕިއާ އިން 2011 ވަނަ އަހަރު އިއުލާނު ކުރުމާއި ގުޅިގެން މިސްރުން އޭރު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިސްރުގެ ކަންބޮޑުވުމަކީ އެފަދަ މަޝްރޫއެއްގެ ސަބަބުން އެގައުމަށް ފެނުގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރެވެ. ( އޭޕީ)