20 Feb 2011, 00:19
އިނގިރޭސި ލީގަށް ދާން ބޭނުންވި ނަމަވެސް ރެއާލް މެޑްރިޑް ދޫކޮށްދާނީ އެ ކުލަބުން އޭނާ ބޭނުން ނުވެއްޖެނަމަ އެކަނި ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ފީފާއިން ހޮވި ހުސްވި އަހަރުގެ އެންމެ މޮޅު ކޯޗު މިހެން ބުނީ ރެއާލްގެ މެޑްރިޑުގެ ސްޕޯޓިން ޑިރެކްޓަރު ޖޯޖް ވަލްޑާނޯއާ ދެމެދު މައްސަލަޖެހި މޮރީނިއޯ ކުލަބު ދޫކޮށްލަން އުޅޭ ވާހަކަ ގަދަވެފައިވަނިކޮށެވެ.
ވަލްޑާނޯ އާއި މޮރީނިއޯ ދެމެދު ޖެހިމުން އަންނަ މައްސަލަ ގޯސްވީ ފޯވަޑް ކަރީމް ބެންޒެމާ ބެންޗުގައި ބައިންދާފައި ކުޅުނު މެޗަކުން ރެއާލް ބެލިވުމުންނެވެ. އަދި މޮޅު ކުޅުންތެރިންގިނަ ޓީމަށް އިތުރު ކުޅުންތެރިން ހޯދުމަށް މޮރީނިއޯ ބޭނުންވުމުގެ ސަބަބުންނެވެ.
މިކަމަށް މޮރީނިއޯ ވެސް އެއްބަސްވެ އެވެ. ނަމަވެސް އޭނާ ބުނީ އިންޓަމިލާން ދޫކޮށް ރެއާލް މެޑްރިޑު ކަހަލަ ކުލަބަކާ މީހަކު ގުޅޭނީ އުއްމީދުތަކަކާއެކު ކަމަށާއި އެންމެ އަހަރަކަށް ނޫން ކަމަށެވެ. އަދި އެ ކުލަބަކާއެކު އޭނާ ހަދާފައިވާ ހަތަރު އަހަރުގެ ކޮންޓްރެކްޓް ފުރިހަމަ ކުރާނެ ކަމުގެ އިޝާރާތެއް ވެސް މޮރީނިއޯދީފައިވެ އެވެ.
ލީގުގެ އެއްވަނާގައިވާ ބާސެލޯނާ އަތުން ތަފާތު ބޮޑުކޮށް ބަލިވެ މި ވަގުތު ފަސް ޕޮއިންޓާ ފަރަގަކާއެކު ލީގުގެ ދެ ވަނާގައި އޮތް ރެއާލް އިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލިގާއި ސްޕެނިޝް ކަޕުގެ ތައްޓެވެ. ސްޕެނިޝް ކަޕުގެ ފައިނަލުގައި ކުޅެން ޖެހޭނީ ބާސެލޯނާއާ އެވެ.
ޗެމްޕިއަންސް ލީގު ރެއާލް އަށް ކާމިޔާބު ކުރެވިއްޖެނަމަ އެ ކުލަބު ވެގެންދާނީ އެ މުބާރާތް 10 ފަހަރު ކާމިޔާބު ކުރި ފުރަތަމަ ޓީމަށެވެ. އެއިރުން ތިން ޓީމަކަށް އެ ތަށި ހޯދައިދިން ފުރަތަމަ ކޯޗުގެ ޝަރަފު ވެސް މޮރީނިއޯ އަށް ލިބިގެންދާނެ އެވެ.
އޭނާ ބުނީ ރެއާލް މެޑްރިޑުގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުން އަދި ކުޅުންތެރިން ގުޅިގެން މަސައްކަތް ކުރާނަމަ އަންނަ ސީޒަނަކީ އެ ޓީމަށް ވަރަށް ކާމިޔާބު ސީޒަނަކަށް ވެގެންދާނެ ކަމަށެވެ. މޮރީނިއޯ އަކީ އަބަދުވެސް ޓީމަކާ ހަވާލުވާތާ ދެ ވަނަ އަހަރުގައި ގިނަ ކާމިޔާބުތަކެއް ހޯދާ ކޯޗެކެވެ.