24 Mar 2015, 10:11
ޣައްޒާ (މާޗް 24) : މިދިޔަ އަހަރު އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްކުރި އުދުވާނީ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 400،000 އަށް ވުރެ ގިނަ ކުޑަކުދިން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައިވާ ކަމަށް އދ. ން ބުނެފި އެވެ.
ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާބެހޭ އދ.ގެ މުގައްރިރު މެކަރިމް ވިބިސޫނޯ ވިދާޅުވީ ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ 400،000 ކުދިންނަށް ނަފްސާނީ ފަރުވާ ނުދެވިއްޖެ ނަމަ އެކުދިންގެ މުސްތަގްބަލް ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމުގަ އެވެ. ހަތަރު ލައްކައަށް ވުރެ ގިނަ ކުދިންނަށް ނަފްސާނީ ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް މިއީ އދ. އަށްވެސްް ކުރަން ދަތިކަމެއް ކަމަށް ވިބި ސޫނޯ ވިދާޅުވި އެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމައިގާ ފަލަސްތީނުގެ 2000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތައް ޣައްޒާގެ ގެތަކަށާއި ސްކޫލްތަކަށާ އަދި ހޮސްޕިޓަލްތަކަށް އަމާޒު ކުރުމުގެ ސަބަބުން އިސްރާއީލުގެ ހަރުކަށި ވެރިންގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފަ އެވެ. މިތުހުމަތުތަކާ އެކު އިސްރާއީލުގެ ވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރުމަށް ޓަކައި ގާނޫނީ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފަލަސްތީނުން ބުނެ އެވެ.
ޣައްޒާގެ ހަތަރު ލައްކައަށް ވުރެ ގިނަ ކުޑަކުދިން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވަނީ އެކުދިންގެ ކުރިމަތީގައި އެކުދިންގެ މައިން ބަފައިންނާއި ގާތްތިމާގެ މީހުން މެރުމާއި ގެދޮރު ހަލާކުކުރުންފަދަ ލާއިންސާނީ ޖަރީމާތައް އިސްރާއީލުގެ ސިފައިން ހިންގުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ)