ރިޔާޒް (މާޗް 24) : ޔަމަންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާން ވަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެ ގައުމުގެ ރައީސް ހާދީ އަށް އަސްކަރީ ގޮތުން އެހީތެރިވާން ޖެހިދާނެ ކަމަށް ވިދާޅުވެ ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލް ވާހަކަ ދައްކަވައިފި އެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް އާ ރިޔާޒްގައި ބައްދަލުކުރެއްވުމަށް ފަހު ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވީ ޔަމަންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާން ވަންނަމުންދާ ކަމަށާއި ހޫޘީ ޖަމާއަތަށް ވާގިވެރިވަނީ އީރާން ކަމުގަ އެވެ. ޔަމަނަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރުމަށް ޓަކައި ހުރިހާ ސިޔާސީ ފަރާތްތަކެއް ޝާމިލްވެގެން ކުރެވޭ މަސައްކަތްތަކަށް ޙޫޘީން ދެކޮޅު ހަދާ ނަމަ ގަލްފުގެ އަރަބިގައުމުތަކުން އެޖަމާއަތާ ދެކޮޅަށް ތެދުވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ހޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާނުލައިފި ނަމަ ނަތީޖާ ވަރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު ވެސް ފައިސަލް ދެއްވި އެވެ. ހޫޘީންނާ ދެކޮޅަށް މަސައްކަތް ކުރައްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ އަށް އަސްކަރީ ގޮތުން އެހީތެރިވާން ޖެހިއްޖެ ހިނދެއްގައި އެކަން ކުރަން ވެސް ސައޫދީ އަރަބިޔާ އާއި ގަލްފުގެ އަރަބި ގައުމުތައް ތިބީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަމަންގައި ހިނގަމުންދާ ވެރިކަމަށް އަތްގަދަ ކުރުމުގެ ކޯޅުންތައް ނުހުއްޓުވިއްޖެ ނަމަ ލޭ އޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ޔަމަން ވެއްޓިދާނެ ކަމުގެ އިންޒާރު އދ. އިން ވެސްވަނީ ދީފަ އެވެ. ޔަމަންގެ ވެރިކަމަށް ވަކި ޖަމާއަތަކުން ނޫނީ ވަކި ޕާޓީއަކުން އަތްގަދަ ކުރުމަށް ބާރުގެ ބޭނުންކޮށްގެން މަސައްކަތް ކުރާ ނަމަ ޔަމަން ވެގެންދާނީ އިރާގު، ސޫރިޔާ އަދި ލީބިޔާ ފަދަ ގައުމަކަށް ކަމަށް ވެސް އދ.ގެ މަންދޫބު ޖަމާލް ބިން އުމަރު ވިދާޅުވި އެވެ.

ސައޫދީ ޚާރިޖީ ވަޒީރުގެ އަރިހުގައި އިންނެވި އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ވަނީ ޔަމަންގެ އެއްވެސް ފަރާތަކަށް އަސްކަރީ އެހީތެރިކަން ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ހާމޮންޑް ވިދާޅުވީ ޔަމަނަށް އަސްކަރީ ގޮތުން ވެދެގަންނަން ވެސް އަދި އެގައުމުގެ ވާދަވެރި އެއްވެސް ފަރާތަކަށް އަސްކަރީ އެހީތެރިކަން ވެސް އެއްވެސްގައުމަކުން ފޯރުކޮށްދީގެން ނުވާނެ ކަމުގަ އެވެ. ނަމަވެސް ޔަމަންގެ ރައީސް ހާދީގެ ސިޔާސީ މަސައްކަތްތަކަށް އެހީތެރިވެވޭނެ ގޮތްތަކާބެހޭ ގޮތުން ސައޫދީ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށާ އަދި މިކަމުގައި އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް ހާމޮންޑް ވިދާޅުވި އެވެ.

ޔަމަންގެ ޚާރިޖީ ވަޒީރު ރިޔާޒް ޔާސީން ވަނީ ހޫޘީންގެ އަމަލުތައް ހުއްޓުވުމަށް ޓަކައި އަސްކަރީ ގޮތުން އެގައުމަށް ވަދެގަތުމަށް ސައޫދީ އަށާއި ގަލްފުގެ އެހެން އަރަބި ގައުމުތަކަށް ގޮވާލައްވާފަ އެެވެ. މީގެ އިތުރުން ޙޫޘީން ކުރިއެރުން ހުއްޓުވުމަށް ޓަކައި ޔަމަންގައި އުދުހުން މަނާކުރާ ސަރަހައްދެއް ގާއިމް ކޮށްދިނުމަށް ވެސް ޔަމަންގެ ޚާރިޖީ ވަޒީރު ސައޫދީ އަރަބިޔާއަށާއި ގަލްފުގެ އެހެން އަރަބި ގައުމުތަކަށް ގޮވާލެއްވި އެވެ. ޙޫޘީންވަނީ މިދިޔަ ޖަނަވަރީ މަހު ޔަމަންގެ ވެރިރަށް ސަންއާ އާއި އެ ރަށުގައިވާ ސަރުކާރުގެ މުއައްސަސާތައް ވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ޔަމަންގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތަޢްޒުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ހޫޘީން ގެ އަތްދަށުގަ އެވެ. އަނެއްކޮޅުން ރައީސް ހާދީ އަށް ވަފާތެރި މީހުންގެ އަތްދަށުގައި ޔަމަންގެ ދެވަނަ ސިޓީކަމަށްވާ ޢަދަން، އޮތް ނަމަވެސް ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ސިފައިން ވަނީ އަދަންގައި ހުންނަ ރައީސް ހާދީގެ ގަނޑުވަރަށް ވައިގެ މަގުން ޙަމަލާތަކެއް ދީފަ އެވެ. މިޙަމަލާތަކަށް ފަހު ރައީސް ހާދީ ވަނީ ރައްކާތެރި ތަނަކަށް ގެންދެވިފައި ކަމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބުނެ އެވެ. (އަލްޖަޒީރާ)