24 Mar 2015, 09:26
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމްގެ ކުށުގެ ހުކުމުގެ އިސްތިއުނާފު މަރުހަލާގެ ޝަރީއަތް ހިނގާ ގޮތް ބެލުމަށް މާހިރުން ފޮނުވުމަށް ބައިނަލް އަގުވާމީ ޖަމާއަތްތަކަށް ރާއްޖެ އިން ދައުވަތު ދީފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް އަށާއި ކޮމަންވެލްތާއި އޮފީސް އޮފް ދަ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހި ސަރުކާރުން ދައުވަތު ދީފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ދައުވަތު ދެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބުދުﷲ މުޙައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ބެހެއްޓި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާ މެދު ބައިނަލް އަގުވާމީ ބައެއް ޖަމާއަތްތާއި ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.