ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް "ކްލައިމެޓް ރިސާޗް"ގެ ނަމުގައި ވަކި ޔުނިޓެއް އަންނަ އަހަރު ގާއިމް ކުރާނެ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަމެންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ މޫސުމާ ބެހޭ ދުވަސް ފާހަގަކުރުމަށް މީޓިރިއޮލަޖިކަލް ސެންޓަރުން ހުޅުލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މިނިސްޓަރު ވިދާޅުވީ އެ ޔުނިޓް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ތާރިގު ވިދާޅުވި އެވެ. އަދި ކުރިޔާ އަޅާބަލާއިރު މިހާރު މި ދާއިރާ ވަރަށް ބޮޑަށް ތަރައްގީވެފައިވާ ކަމަށް ތާރިގު ވިދާޅުވި އެވެ.

"ކުރިޔާ އަޅާބަލާއިރު ފަސް ސަރަހައްދެއްގަ މޫސުމާ ބެހޭ ތަފާތު މައުލޫމާތު އެއްކުރެވޭނެ ގޮތް ވަނީ ގާއިމުކުރެވައި،" ތާރިގު ވިދާޅުވި އެވެ.

މި ފަސްތަނަކީ ހދ. ހަނިމާދޫ އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދޫ އާއި ސ. ގަމުގެ އިތުރުން ހުޅުލެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މޫސުމާ ބެހޭ އިދާރާގައި ދިގު މުއްދަތެއް ވަންދެން ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް އެވޯޑާއި ހަނދާނީ ލިޔުންދީފަ އެވެ.

މޫސުމާ ބެހޭ އިދާރާގެ އާ ވެބްސައިޓް ވެސް ވަނީ ރޭގަ އިފްތިތާހްކޮށްފަ އެވެ.

ރާއްޖޭގައި މޫސުމާ ބެހޭ މައުލޫމާތު ނަގަން ފެށުނީ 1974 ގައެވެ. ބައިނަލް އަގުވާމީ މޫސުމާއި ބެހޭ ދުވަހަކީ 23 މާޗެވެ.