އއ. ތޮއްޑޫގައި މިރޭ މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ކަރުން މައްޗަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަން ސަން އަށް އެނގިއްޖެ އެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ބިދޭސީ މީހާ ނޭފަތާއި ކަންފަތާއި ދަތްދޮޅީގައި ލޭ ހުއްޓެވެ. މޫނު ވަނީ ދުޅަވެ "ލޭ އަރާފަ" އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ބަރަހަނާ ހާލުގައި ކަމަށްވެ އެވެ. ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުން އޭނާ އޮތީ މުންޑެއް ލައްވާފަ އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ އެ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ކަރުގައި މުންޑެއް އޮޅައި ބާރުކޮށްފައިވާ ކަމަށެވެ.

ބިއްމައްޗަށް ވެއްޓިފައިވާ އެ މީހާ އޮތް ކޮޓަރިތެރޭގެ ތަޅުމުގައި ވެސް ކޮންމެ ވެސް ވަރަކަށް ލޭ އެޅިފައި ހުއްޓެވެ.

އޭނާ މަރުވެފައިއޮއްވައި ފެނުނު ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާ މަރުވެ ވެއްޓިފައި އޮތް ސަރަހައްދުން މީހަކު މަރާލަން ބޭނުން ކުރެވޭ ޒާތުގެ ނުރައްކާތެރި އެއްވެސް އެއްޗެއް ފެންނާކަށް ތެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި ގޮތުގައި އެ ބިދޭސީ މީހާގެ އަންގައިން ލޭ އައުމާއި މޫނު މައްޗަށް ލިބިފައިވާ ގެއްލުމުގެ އިތުރުން އޭނާގެ ހަށިގަނޑުން އިތުރު ޒަހަމްތަކެއް ފެންނަން ނެތް ކަމަށެވެ. އަދި މިހާރު ވެސް އޭނާގެ ހަށިގަނޑު ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހާގެ މަރާ ގުޅޭގޮތުން އެ ބިދޭސީ މީހާގެ ބެލެނިވެރި ފަރާތް ތޮއްޑޫ، ނަސްރީނުގެ، ހުސައިން ހަސަން "ސަން"އަށް ބުނީ އެ ބިދޭސީ މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަމަށާއި ބެލެވޭގޮތުގައި އޭނާ މަރުވެފައިވަނީ އަމިއްލައަން ކަމަށެވެ.

ނަމަވެސް އެ ބިދޭސީ މީހާ މަރުވެފައި އޮށްވައި ފެނުނު ތޮއްޑޫ މީހުން ސަން އަށް ބުނީ އޭނާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

"އަމިއްލެއަށް މީހަކަށް ކަރުގައި ފޮތިގަނޑެއް ބަނދެގެން ދެ ފަރާތުން ބާރުކޮށްގެން މަރުވެވިދާނެ ކަމަށް ގަބޫލެއް ނުކުރަން،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތޮއްޑޫ ކައުންސިލުންގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ ބިދޭސީ މީހާ މަރުވެފައި އޮތީ އޭނާ ދިިރިއުޅޭ ކޮޓަރި ތެރޭގައި ކަމަށާއި އެ ކޮޓަރީގައި އިތުރު ތިން ބިދޭސީން އުޅޭ ކަަމަށެވެ. ނަމަވެސް އޭނާ މަރުވެފައި އޮތް ވަގުތު އެ ކޮޓަރީގައި އެހެން ބިދޭސީއަކު ނެތް ކަމަށް ވިދާޅުވި އެވެ.