23 Mar 2015, 23:50
ދިގުދަތުރެއް ކުރަންޖެހުމުގެ ސަބަބުން މިރޭ ގެންނަން ނިންމާފައިވާ ކުއްތާތައް ގެނެވޭގޮތް ވެފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭގެ ވަގުތެއްގައި ގެންނަން ނިންމާފައިވާ ކުއްތާތައް ދިމާވި ކަމަކުން ގެނެވޭގޮތް ނުވިކަމަށެވެ. ނެދަލެންޑްއިން ގެންނަ އެ ކުއްތާތައް ރާއްޖެ ގެނެވޭގޮތް ނުވީ "ދުރުދަތުރެއް ކުރަން ޖެހުމުން ދިމާވި މައްސަލަތަކަކުން" ކަމަށާއި އެކުއްތާތައް މާދަމާރޭ ރާއްޖެ ގެނެވޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ކުއްތާތައް މެލޭޝިއާގައި މަޑުކުރަންޖެހުނީ، ދެން ކުއްތާ ގެނައުމަށް ނިންމާފައިވަނީ މާދަމާ ރޭ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިރޭގެ ވަގުތެއްގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ ފަސް ކުއްތާ އެވެ. ފާރަގެމަ ސްކޮޑުގައި ހިމެނެނީ ޖުމްލަ 16 ކުއްތާ އެވެ. އެ ހުރިހާ ކުއްތާއެއް މިމަހުގެ 27 ގެ ކުރިން ގެންނާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ކުއްތާތަކަށް ޚާއްސަކޮށްގެން ހުޅުލޭގައި ތައްޔާރުކޮށްފައިވާ ޑޯގު ކެނަލްގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. ކުއްތާތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގެތަކުގައި ކޮންމެ ކުއްތާއަކަށް ޅާއްސަ ކޮޓަރިއަކާއި ކޮންމެ ކޮޓަރިއެއްގައި ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އަދި އޭގެ އިތުރުން ކުއްތާތައް ފެންވެރުމަށް ހާއްސަކޮށް ބާތުޓަބެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީ އިން ކުރިން ވަނީ ބުނެފަ އެވެ.