މުދައްރިއްސުންގެ ފެންވަރު ރަނގަޅު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއޭ) އިން ކުރަމުން ގެންދާ މަސައްކަތުގެ ތެރޭން ޓީޗަރުންނަށް، އާ ތިން ކޯހެއް އިފްތިތާހް ކޮށްފިއެވެ.

ކުއްލިއްޔާގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހް ކޮށްފައިވާ ތިން ކޯހަކީ ބެޗްލާސް ޑިގްރީ އިން އެޑިއުކޭޝަން ލީޑާޝިޕް އެންޑް މެނޭޖްމެންޓް އާއި ޑިޕްލޮމާ އިން އިންކްލޫސިވް އެޑިއުކޭޝަން އަދި ސަޓިފިކޭޓް ތްރީ އިން ސްޕެޝަލް އެޑިއުކޭޝަން ކޯހެވެ.

އެކޯސްތައް އިފްތިތާހް ކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އެވެ.

މިރޭ އިފްތިތާހް ކޮށްދެއްވި ތިން ކޯހުގެ ތެރެއިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ކޯހުގައި 80 ފަރާތެއް ބައިވެރިވާއިރު ބާކީ ދެ ކޯހުގައި ބައިވެރިވެފައިވާ ދަރިވަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެންއައިއޭ އިން ބުންޏެވެ.

ކޯހުގެ ފީތަކާ ބެހޭގޮތުން މައުލޫމާތު ދެމުން އެންއައިއޭ އިން ބުނީ، އެ ކޯސްތަކަށް ނަގަނީ ވަރަށް ކުޑަ ފީއެއް ކަމަށާއި އޭގެ ތެރެއިން ފީ ދައްކަން ޖެހޭނީ ދެ ކޯހަށް ކަމަށެވެ.

އެގޮތުން ބެޗްލާސް ޑިގްރީ ކޯހަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ. އަދި އެކޯސް ހަދާ ދަރިވަރުންގެ އެހެން ހަރަދުތައްވެސް ކުރާނީ ވޯލްޑް ބޭންކުން ކަމަށް އިންސްޓިޓިއުޓް އިން ވަނީ ބުނެފައެވެ.

ބާކީ ދެކޯހުގެ ތެރެއިން ސެޓްފިކޭޓް ތްރީގެ ކޯހަށް ނަގާނީ 1،000 ރުފިޔާގެ ފީއެއް ކަމަށާއި އިންކްލޫސިވް އެޑިއުކޭޝަން ކޯހުގެ ފީއެއްގެ ގޮތުގައި ނަގަނީ 8،000 ރުފިޔާ ކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތުދެއެވެ.

ބެޗްލާސް ޑިގްރީ ކޯހަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ނަގާއިރު ޑިޕްލޮމާ ކޯހަށް ނަގާނީ އެއް އަހަރުގެ މުއްދަތެއް ކަމަށްވެސް އިންސްޓިޓިއުޓް އިން ބުންޏެވެ. އަދި ސެޓްފިކޭޓް ތްރީ ގެ ކޯހުގެ މުއްދަތަކީ ހަތަރު މަސް ކަމަށް އެންއައިއޭ އިން ވަނީ ބުނެފައެވެ.