20 Feb 2011, 00:14
އިނގިރޭސި ލީގުގެ ފެބްރުއަރީ މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި އާސެނަލް ރޮބިން ވެންޕަސީ އާއި ލިވަޕޫލްގެ ރައުލް މެއިރްލޭސް ހިމެނިއްޖެ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ މެންޗެސްޓާ ސިޓީގެ ކެޕްޓަން ކާލޮސް ތެވޭޒް އާއި ނިއުކާސަލްގެ ޖޯ ބާޓަން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ލުއިސް ނާނި އެވެ.
ޕްރޮފެޝަނަލް ފުޓްބޯޅަ އެސޯސިއޭޝަނާއި އީއެސްޕީއެން ގުޅިގެން ކޮންމެ މަހަކު ހޮވާ މި މަގާމަށް މިހާރު ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މި ފަހަރު އެވޯޑް ގެންދާނީ މެއިރްލޭސް ނުވަތަ ވެންޕަސީ އެވެ.
މި ދެ ކުޅުންތެރިންގެ ތެރެއިން ވެންޕަސީ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅަށް ކުޅެ ތިން ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި ލިވަޕޫލާ ގުޅުގު ޕޯޗުގަލްގެ މިޑްފީލްޑަރު މެއިރްލޭސް ވަނީ މި މަހުގައި އޭނާ ކުޅުނު ތިން މެޗުގައި ތިން ގޯލުޖަހައި ލިވަޕޫލުގެ ގެއްލިފައިވާ ފޯމު އަލުން ހޯދައިދިނުމަށް އެހީތެރުވެދީފަ އެވެ. މެއިރްލޭސް އަކީ ޗެލްސީ އަތުން ލިވަޕޫލް މޮޅު ކޮށްދިނުމަށް ވެސް ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
މޮޅު ކުޅުންތެރިޔާ ދިމާކުރާ ފަރާތަކަށް އެ ކުޅުންތެރިއަކު އެންމެ އަވަހަށް ކުޅޭ މެޗެއް ވީއައިޕީގައި ބަލާލުމަށް ހިލޭ ދެ ޓިކެޓް ލިބޭނެ އެވެ. އަދި ކުޅުންތެރިޔާ އަށް އިނާމް ހަވާލުކޮށްދީ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މީގެ އިތުރުން ކުޅުންތެރިޔާ ސޮއިކޮށްފައިވާ ފޮޓޯ އެއްވެސް ފްރޭމްކޮށްފައި ދެވޭނެ އެވެ.
މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓު ދިނުމަށް ތިރީގައިވާ ލިންކަށް ފިއްތަވާލައްވާށެވެ.
http://fansaward.givemefootball.com