އިސްލާމީ ޝަަރީއަތުގައި ކަނޑައަޅާފައިވާ ޤިޞާޞް ހިފުން ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހަޅުއްވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޤިސާސް ހިފުން ގާނޫނުލްއުޤޫބާތުގައި ހިމެނުއްވުމަށް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވަވަމުން އަނާރާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ށ.ގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް ގާނޫނުލް އުގޫބާތު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާ އަށް ޤިޞާޞް ހިފުން އިތުރުކުރުމަށް އަނާރާ ހުށަހަޅުއްވާފައިވާ އިރު، އެ މާއްދާގައި މިހާރު ބުނެފައި ވަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ޤާނޫނާއި ޤުރުއާނުގައި ކަނޑައެޅުފައިވާ އުޤޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.

ޔޫއެންޑީޕީ އާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން، ގާނޫނުލް އުގޫބާތަށް ހޭލުންތެރިކުރަން ހިންގާ ޕްރޮގްރާމްގެ ސީނިއާ ކޮންސަލްޓެންޓް ހުސައިން ޝަމީމް ވިދާޅުވީ 1025 ވަނަ މާއްދާ މިހާރު އޮތްގޮތުން ވެސް ޤިޞާޞް ހިފުން ތަންފީޒު ކުރެވޭނެ ކަމަށާއި ވަކިން ޤިޞާޞް ހިފުން އެ މާއްދާގައި ހިމެނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޤިޞާޞް ހިފުން ހިމަނައިފި ނަމަ އިތުރު މައުލޫމާތުތަކެއް ޤާނޫނުލްއުޤޫބާތަށް އިތުރުކުރަން ޖެހޭނެ ކަމަށް ޝަމީމު ވިދާޅުވި އެވެ.

"އޭރުން އެބަ ޖެހޭ ޤިޞާޞް އަކީ ކޮބައިކަން، ޤިޞާޞް ހިފުމުގެ ބޭނުމަކީ ކޮބައިކަން، ހިފާނީ ކިހިނެތްކަން މިހެން ގޮސް ވަރަށް ގިނަ މައުލުމާތުތަކެއް އިތުރުކުރަން،" ޝަމީމު ވިދާޅުވި އެވެ.

ފެށޭ މަހުގެ 13 ވަނަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާ އިރު ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ގާނޫނުލްއުޤޫބާތަށް އިސްލާހުތަކެއް ހުށަހަޅާފަ އެވެ.