23 Mar 2015, 22:13
އާ ގާނޫނުލްއުގޫބާތަށް ކުދިކުދި އިސްލާހުތަކެއް ގެންނަން ހުރި ނަމަވެސް ފެށޭ މަހު 13 ވަނަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހެޅުމާ ގުޅިގެން ތަންފީޒު ކުރުން ލަސްވެދާނެތޯ ސުވާލު ދެންނެވުމުން ޝަމީމު 'ސަން' އަށް ވިދާޅުވީ ގާނޫނުލްއުގޫބާތު ތަންފީޒުކުރުން ލަސް ކުރަން ޖެހޭ ފަދަ އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށާއި ކުރިން ވެސް ބަޔާންކޮށްފައިވާ ގޮތަށް އެޕްރީލް މަހު 13 ވަނަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އަދި މަކުނޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނިހާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ގާނޫނީ ހުސް ކަންތައްތަކާއި މާނަކުރުމުގައި އުފެދޭ ހިލާފުތަކާއި މާއްދާތަކުގެ ތަރުތީބު ކުރުމުގައި ހުރި ކުށްތަކާއި އަމަލުކުރުމުގައި ކުރިމަތިވެދާނެ ބޮޑެތި ބޭއިންސާފުތައް އަދި އޮޅުން އަރާފައިވާ އިބާރާތްތަކާއި ޖުމްލަތައް ހިމެނެ އެވެ.
މަކުނޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަނީ އިސްލާމީ ޝަރީއަތުގައި އޮއްނަ ޤިޞާޞް ހިފުމުގެ އަދަބު ގާނޫނުލްއުގޫބާތަށް އިތުރުކުރުމަށް ހުށަހަޅުއްވައިފަ އެވެ.
ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފަށާނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ.