ހާބަރު ސަރަހައްދުގައި ހުންނަ "ޅިޔަނު ކެފޭ"ގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ކެފޭގެ ވޭޓަރެއް ކަމަށްވާ ޝާހިން މިއާ، 24، މަރާލިތާ 39 ގަޑިއިރު ވެފައިވާއިރު، ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ޝާހިން މަރާލި ވަގުތު އެ ކެފޭގައި ހުރި މީހަކު ސަން އަށް ބުނިގޮތުގައި ޝާހިން މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ވެގެންނެެވެ.

ޝާހިން މަރާލުމުގެ ކުރިންވެސް އެރޭ ވަނީ އެކެފޭއަށް ބަޔަކު ގެއްލުންތަކެއް ދީފައެވެ.

ޅިޔަނު ކެފޭގެ ވެރިޔާ ހުސެއިން ޔާސިރު ވިދާޅުވީ، އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ބަޔަކު ވަދެ އެ ކެފޭގައި ކެމެރާ ހުރިތޯ ބަލާފައިވާ ކަމަށެވެ. އެއަށް ފަހު ދަންވަރު އައިސް ބިއްލޫރިތައް ތެޅީ އެވެ. އަދި އެއަށް ފަހު ފަތިހު ގޮސް ވޭޓަރަށް ހަމަލާދީ މަރާލީ އެވެ. އިއިން ކޮންމެ ފަހަރަކު ވެސް ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅިގެން ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކެފޭއިން މީހަކު ފޭރެން އުޅުނު މައްސަލައަކާއި ކެފޭގެ ތެރޭގައި މާރާމާރީއެއް ހިންގި މައްސަލައެއް ވެސް އެވަގުތުތަކުން ފެށިގެން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.