ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބަލިހާލަތު ހުރި ގޮތުން ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް އެދިވަޑައިގެންފައިވީ ނަމަވެސް އެ ބައްޔަކީ "ކޯޓަށް ހާޒިރުވެވޭ ފަދަ ބައްޔެއް" ކަމަށް ޑޮކްޓަރު ބުނެފައި ވާތީ އެ މަނިކުފާނު ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ ނުދިނުމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމައިފި އެވެ.

ނާޒިމްގެ ފުރާނައަށް ނުރައްކާވާ ފަދަ ބަލިހާލަތެއްގައި އުޅުއްވާތީ ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދައަށް ނާޒިމްގެ ވަކީލުން ކޯޓުގައި އެދުމުން ފަނޑިޔާރުންގެ ބެންޗުން މިއަދު ޝަރީއަތުގައި ބުނެފައި ވަނީ ބޭރަށް ފުރުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް ޝަރީއަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.

ނާޒިމްގެ ބަލިހާލަތު ހުރި ގޮތުން ދޫނިދޫގައި ބެހެއްޓުމަށް ފަހު ގެއަށް ބަދަލުކޮށްފައިވާ އިރު، ނާޒިމްގެ ވަކީލުން ބުނެފައި ވަނީ ސިއްހީ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.

އެތެރެކުރުން މަނާ ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ ނާޒިމުގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ ފަހު އަޑުއެހުން ބުދަ ދުވަހު ބޭއްވޭނެ ކަމަށް ފަނޑިޔާރުން މިއަދު ވަނީ އިއުލާނު ކުރައްވާފަ އެވެ.